ދެކުނު ކޮރެއާއަށް އާ ބޮޑުވަޒީރެއް އައްޔަން ކުރަން ނިންމައިފި އެވެ. މިއީ އެގައުމުގައި މިހާރު ރައީސްކަމުގައި ހުންނެވި މޫން ޖައި-އިންގެ ޒަމާއަމަތުގައި ބޮޑުވަޒީރުގެ މަގާމު ބަދަލު ކުރައްވާ ތިންވަނަ ފަހަރެވެ.
އާ ބޮޑުވަޒީރަކަށް ރައީސް އިޚުތިޔާރު ކުރައްވާފައި ވަނީ ކިމް ބޫ-ކިޔުމް އެވެ. އޭނާއަކީ ދެކުނު ކޮރެއާގެ ކުރީގެ އިންޓީރިއާ މިނިސްޓަރެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ހަތަރު ދައުރު އަދާ ކުރައްވާފައި ވެއެވެ. ކިމް ބޫ-ކިޔުމް ބޮޑުވަޒީރުކަން ހަމަޖެހެން ދެން އެ މަގާމު އަދާ ކުރައްވާނީ މިހާރުގެ ބޮޑުވަޒީރު ޗަންގް ސައި-ކިޔުން އެވެ.
ސަރުކާރު ހިންގެވުމަށް ރައީސް ބޮޑު ބަދަލުތަކެއް ގެންނެވި ސަބަބަކީ އެ ގައުމުގެ އެންމެ ބޮޑު ދެސިޓީއަށް މޭޔަރުން ހޮވުމަށް މިދާކަށް ދުވަހު ބޭއްވި އިންތިހާބުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ނާކާމިޔާބީ އެވެ. ވެރިރަށް ސޯލްގެ މޭޔަރުކަން ވެސް ކާމިޔާބުކުރީ އިދިކޮޅުންނެވެ.
ރައީސް އޮފީހުން ބުނާ ގޮތުން އާ ބޮޑުވަޒީރަކީ ގާބިލް ބޭފުޅެކެވެ. އޭނާއަކީ ދެކުނު ކޮރެއާ މިހާރު އެދޭ ބަދަލުތަކަށް ފަރިތަ ބޭފުޅެކެވެ. އަދި ޚާރިޖީ / ދާޚިލީ ގުޅުންތަކަށް ކުޅަދާނަ ބޭފުޅެކެވެ.
ބޮޑުވަޒީރު އާ ކުރެއްވުމުގެ އިތުރުން ރައީސް މޫން ވަނީ އާ މިނިސްޓަރުން ވެސް ކަނޑައަޅުއްވާފަ އެވެ. އެއީ މިނިސްޓްރީ އޮފް ލޭންޑް، ލޭބާ، އިންޑަސްޓްރީ، ފިޝަރީޒް އަދި ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.
ބޮޑުވަޒީރާއެކު އާ މަގާމުތަކަށް ކަނޑައެޅުއްވި ހަ ބޭފުޅުންނަށް ވެސް ސޭޝަނަލް އެސެމްބްލީން ރުހުން ލިބިވަޑައިގަންނަވަން ޖެހެ އެވެ. އެހެން ނަމަވެސް ރައީސް ވަކި ގޮތެއް އިޚުތިޔާރުކުރެއްވުމުގެ ބާރު ރައީސްއަށް ލިބިވަޑައިގަންނަވަ އެވެ.
ރައީސް މޫންގެ ޑިމޮކްރެޓިކް ޕާޓީއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ގައުމަށް ހެޔޮ ބަދަލެއް ނުގެނެވި ދިގުލައިގެން ދިއުމުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ބޯހިޔާވަހިކަން އަގުބޮޑުވުމުމެވެ.
އަންނަ އަހަރު، މާޗް 9، 2022 ގައި ދެކުނު ކޮރެއާގައި އޮންނަ ރިޔާސީ އިންތިހާބުގަައި މިހާރު ހުންނެވި ބޮޑުވަޒީރު ވާދަކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސަރުކާރު ހިންގާ ޕާޓީއަށް މިފަހަރު ލިބުނު ނާކާމިޔާބީން އުނގެނި އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ކާމިޔާބުނުކުރެވިދާނެ ކަމަށް ވެސް ބުނެވެ އެވެ.