އުތުރު ކޮރެއާއިިން އާދީއްތަ ދުވަހު ބެލިސްޓިކް މިސައިލެއް ޓެސްޓްކުރި ކަމަށް އޮތީ އަޑުފެތުރިފަ އެވެ. މިކަމާ ބެހޭ ގޮތުން އެ ގައުމުން ބުނީ އެއީ މިސައިލެއް ޓެސްޓްކުރަން ކުރި ކަމެއް ނޫން ކަމަށެވެ.
އުދުއްސާލި މިސައިލަކީ އަސްކަރީ ސެޓެލައިޓަކަށް ބޭނުންވާ އާލާތްތަކެއް ޓެސްޓްކުރަން ފޮނުވި މިސައިލެއް ކަމަށްވެސް އުތުރުން ވަނީ ބުނެފަ އެވެ.
ސެޓެލައިޓް ފޮނުވާލުމަށް ފަހު ދައުލަތުގެ ޓީވީން ފޮޓޯތަކެއް އާންމުކޮށް ބުނި ގޮތުން އެއީ ޖެހިގެން އޮތް ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އާއި އިންޗިއޮންގެ ފޮޓޯތަކެކެވެ.
ފޮޓޯތައް ވަރަށް ނުސާފު ކަމަށް މީޑިއާގައި ވާކަދެކެވެން ފެށުމުން އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުންގެ ކޮއްކޮ -- ނުފޫޒުގަދަ ކިމް ޔޯ ޖޮން ވިދާޅުވީ ފޮޓޯތައް ނުސާފުކުރީ ގަސްދުގައި ކަމަށެވެ.
އެނާ ވިދާޅުވި ގޮތުން ސާފު ފޮޓޯތަކެއް އާންމުކުރިނަމަ ލަވާ ހަޅޭކުގެ އަޑު މާގަދަވާނެ އެވެ. އަދި ޓެކްނޮލޮޖީއެއް ޓެސްޓްކުރަން އެހާ އަގުބޮޑު ކެމެރާތަކެއް އެޅުވުމުގެ ބޭނުމެއް އޮތް ކަމަށް ފެނިވަޑައި ނުގަންނަވާތީ އެކަން ނުކުރެއްވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އަސްކަރީ، ޖާސޫސީ ސެޓެލައިޓްގެ ޓެސްޓްތައް ނިމުމުން ބާރުގަދަ ކެމެރާ އަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނޯތު ކޮރެއަން ސްޕޭސް އޭޖެންސީގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ޓެސްޓްކުރަން ފޮނުވި ހުރިހާ އާލާތެއް ވަރަށް ފުރިހަމައަށް މަސައްކަތްކުރި އެވެ. އަދި އުންމީދުކުރި ވަރަށް ވުރެ ނަތީޖާ ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުތުރު ކޮރެއާއިން މިއަހަރު ރެކޯޑް އަދަދަކަށް ވަނީ މިސައިލް ޓެސްޓްކޮށްފަ އެވެ. ދިރާސާކުރާ މީހުން ހިސާބު ޖަހައި ބުނި ގޮތުން އުތުރު ކޮރެއާއިން މިއަހަރު އެކަނިވެސް 60 އަށް ވުރެ ގިނަ މިސައިލް ވަނީ ޓެސްޓްކޮށްފަ އެވެ.
މީގެތެރެއިން ގިނަ މިސައިލްތަކަކީ ބެލިސްޓިކް މިސައިލް އެވެ. އެކަމަކު އުތުރުން ވަނީ ކުރޫޒް މިސައިލް ވެސް ޓެސްޓްކޮށްފަ އެވެ.
އުތުރު ކޮރެއާ ބުނާ ގޮތުން އެއީ ބާރުގަދަ ނިއުކްލިއާ ގައުމެކެވެ. އަދި އެންމެ ބާރުގަދަ އަދި ނުރައްކާތެރި ނިއުކްލިއާ މިސައިލް ވެސް އޮތީ އެ މީހުންގެ އަތުގަ އެވެ.