ހަބަރު

ގާނޫނުލް އުގޫބާތަކީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރަން ހުޅުވުނު ދޮރެއް: އަބްދުﷲ ދީދީ

Jan 14, 2015

އަންނަ އޭޕްރީލް މަހު އަމަލުކުރަން ފަށާ ގާނޫނުލް އުގޫބާތަކީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ގޮތުގައި ގެނެސްދޭން ހުޅުވުނު ދޮރެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުން އުގޫބާތާ ބެހޭގޮތުން ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުންނަށް މައުލޫމާތު ދިނުމަށް ކޮމަންވެލްތުން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު އަބްދުﷲ ވިދާޅުވީ އެ ގާނޫނުލް އުގޫބާތަކީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ގޮތުގައި ގެނެސް ދިނުމަށް އެ ނިޒާމުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާއި ފަރާތްތަކަށް ހުޅުވިގެންދާނެ ދޮރެއް ކަމަށް ވިދާޅުވި އެވެ. އަދި އެއަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ދާއިރާގެ ބޭފުޅުން އެއަށް ވަރަށް އަހުލުވެރި ކުރުވަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި ސެމިނާއަކީ ދިވެހި މުޖްތަމައުގެ ޖިނާއީ އަދުލުވެރިކަން ނެގެހެއްޓުމަށްޓަކައި އަދި ނިޒާމަށް އިތުރު ކުރިއެރުން ގެނެސް ދިނުމަށްޓަކައި ނުހަނު ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ އަދި ކާމިޔާބު މަޝްވަރާތަކެއް ކުރެވޭނެ ސެމިނާއަކަށް ވާނެ." އަބްދުﷲ ދީދީ ވިދާޅުވި އެވެ.

މީގެ އިތުރުން ޖުޑިޝަރީގެ ކުރިއެރުމަށް ކޮމަންވެލްތުން ކުރާ މަސައްކަތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި މާލޭގެ އެކި ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެ އެވެ. ގާނޫނުލް އުގޫބާތަށް މީހުން އަހުލުވެރި ކުރުވުމުގެ މަސައްކަތް ކޮމަންވެލްތުގެ އިތުރުން ޔޫއެންޑީޕީ އިން ވެސް ދަނީ ކުރަމުންނެވެ. މިހާރު ރާއްޖޭގައި އަމަލުކުރަމުންދަނީ މީގެ 50 ވަރަކަށް އަހަރު ކުރިން އެކުލަވާލި ގާނޫނުލް އުގޫބާތެކެވެ.