ޕާކިސްތާން ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ ޔޫއޭއީއަށް ވަޑައިގެންފި އެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި ވިޔަފާރި އާއި އިންވެސްޓްމަންޓާބެހޭ ގޮތުން ވަޒީރުން ފެންވަރުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޕާކިސްތާން ފިޔަވައި އެ ގައުމުގެ މީހުން އެންމެ ގިނައިން ދިއިރުޅެނީ ވެސް ޔޫއޭއީގަ އެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުން ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝޭހް އަބްދުﷲ ބިން ޒައިދު އަލްނަހްޔާންއާ ބައްދަލު ކުރަައްވައި ޕާކިސްތާން ރައްޔިތުންނަށް ދަތުރުފަތުރު ފަސޭހަ ކުރުމާ ގުޅޭ ގޮތުން ވެސް ގުރޭޝީ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.
ވަޒީރުގެ އެޖެންޑާގައި ދެން ހުރި މަސައްކަތްކަށް ބަލާއިރު ޔޫއޭއީގައި ރަސްމީ ހައިސިއްޔަތެއް ނެތި ދިރިއުޅޭ ޕާކިސްތާން މީހުނާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި އެ މީހުން ރަސްމީ ޗެނަލަކަށް އަޅުވައި އެމީހުންގެ ރެޖިސްޓްރީ ބެލޭނެ ލުއި ފަސޭހަ ގޮތަކާ ބެހޭ ގޮތުން ޔޫއޭއީ ދެކޭ ގޮތް އޮޅުންފިލުވާނެ އެވެ.
ޕާކިސްތާނާ ޔޫއޭއީ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެއީ ދިނާއީ ތާރީހު އަދި އާދަކާދަ ވެސް އެއްގޮތް ދެ ގައުމެވެ. ވެރިންގެ މެދުގައި އަން އާންމުން މެދުގައި ގާތްތިމާގެކަން އޮވެ އެވެ. އަޅާލުން ބޮޑެވެ. އެހެން ނަމަވެސް ދުނިޔޭގެ ސިޔާސީ އޮއިވަރުގައި ޖެހި ޚިޔާލު ކަފިވާ ފަހަރު ވެސް އާދެ އެވެ.
ޕާކިސްތާނަކީ ވަރަށް ފަސޭހައިން ސަރުކާރު ވެއްޓޭ ގައުމެކެވެ. ހަރުދަނާ އިންވެސްޓްމަންޓަކަށް ދަތި ގައުމެކެވެ. ފަރުބަދަމަތީ ގަބީލާތަކުގެ ނުފޫޒާހެދި ޒަމާނީ ތަރައްގީއާ ބީރައްޓެހިން ވެސް ގިނަ ގައުމެކެވެ.
ގުރޭޝީގެ މިދަތުރާ ބެހޭ ގޮތުން މީޑިއާގައި ހުރި ވާހަކަތަކަށް ބަލާއިރު މިއީ ކަޝްމީރު މައްސަލަ ޔޫއޭއީ މެދުވެރިކޮށް ކޮޅެއްގައި ޖައްސައި އިންޑިއާއާ އެކު ގާތް ގުޅުމަކަށް އެދި ކުރައްވާ ދަތުރެއް ކަމަށް ވެސް ބުނެވެ އެވެ. ގުރޭޝީގެ މިދަތުރާ ދިމާކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވެސް އަބޫދާބީއަށް ވަޑައިގަންނަވާނެ އެވެ.