މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފަންނީ މީހުން ފްލެޓް އެދެން އިތުރު ފުރުސަތު

ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ލިބޭ ފްލެޓްތަކުގެ ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން ފްލެޓަށް އެދެން ޕްލޭނިން މިނިސްޓްރީން ހުޅުވައިލި މުއްދަތު އިތުރު ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިހާރު ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށް ދާތީ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވެސް ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފަންނީ ކެޓެގަރީގެ ފަރާތްތަކަށް ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި ހިޔާ ފްލެޓްތަކުގެ ބަދަލުގައި އެހެން ފްލެޓް ހޯދުމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ގިނަ ފަރާތްތަކުން އެގޮތަށް އެދެމުން ދާތީ ކަމަށެވެ. ފުރުސަތު އިތުރު ކޮށްދީފައިވަނީ ޖުލައި މަހުގެ ނިޔަލަށެވެ.

ސަރުކާރުގެ ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ލިބެން އޮތީ އެޗްޑީސީ އިން ތަރައްގީ ކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. 1344 ހައުސިން ޔުނިޓްގެ މި މަޝްރޫއުގެ ދަށުން އެ ފްލެޓްތައް ކުޑަ އަގެއްގައި ލިބޭނެ ކަމަށް ވެސް ބުނެ އެވެ.

ފަންނީ ކެޓެގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ މީހުންނެވެ. ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ބޯހިޔާވަހިކަން ހޯދައިދިނުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން ފަންނީ ކެޓެގަރީގައި ހިމެނޭ ފަރާތްތަކަށް އާ ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، އެމީހުންގެ އާމްދަނީއަށް ރިއާޔަތްކުރުމަށް ފަހު އެ ކެޓެގަރީގެ މީހުންނަށް ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ އާ މަޝްރޫއުން ދޫކުރާ ފްލެޓްތައް ވެގެންދާނީ ތަނުގެ ފެންވާރާއި އެއްހަމައެއްގައި ފްލެޓްތަކުގެ އަގު ހިފެހެއްޓިފައިވާ ފްލެޓްތަކަކަށެވެ. އަދި އެ ފްލެޓްތައް ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް، ތިން ކޮޓަރީގެ ފްލެޓްތަކަކަށް ކަން މިނިސްޓްރީ އިން ކުރިން ވަނީ ބުނެފަ އެވެ.

"ވިނަރެސް" މަޝްރޫއު އަދި ފަންނީ މީހުން ފްލެޓް ދޫކޮށްލުމާ ގުޅޭ އިތުރު މައުލޫމާތު އަދި ހާމަކުރާނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.