ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޗައިނާ އިން އެކަނިވެސް 503 މިލިއަން ޑޮލަރު -- 7.7 ބިިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދިވެހި ސަރުކާރުން ނަގާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން އާންމުކޮށްފައިވާ އެކްސްޕެންޑިޗާ ރިވިއުގައި ވަނީ 2010 ވަނަ އަހަރުން މިހާތަނަށް ދިވެހި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފުސީލް ހިމަނާފަ އެވެ.
ރިވިއުގައިވާ ގޮތުން ބޯހިޔާވަހިކަމަށް އެންމެ ގިނަ ލޯން ޗައިނާ ނަގާފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ލޯން ނަގާފައިވަނީ އިންޑިއާ އިންނެވެ. އެއީ 390 މިލިއަން ޑޮލަރު -- ހަ ބިލިއަން ރުފިޔާ އެވެ.
މިސަރުކާރުގައި މިހާތަނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 270 މިލިއަން ޑޮލަރު -- 4.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ރިވިއުގައިވާ ގޮތުން ބޯހިޔާވަހިކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޭދަކޮށްފައިވަނީ 776 މިލިއަން ޑޮލަރު -- 11.9 ބިލިއަން ރުފިޔާ އެވެ.
ރިވިއުގައިވާ ގޮތުން ފާއިތުވި 12 އަހަރުގެ ތެރޭގައި ހަމައެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.3 ބިލިއަން ޑޮލަރު -- 20 ބިލިއަން ރުފިޔާގެ ލޯން ދިވެހި ސަރުކާރުން ނަގާފައިވެ އެވެ.
ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ލޯން ނަގައިގެން މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ބޭނުންވާ ނަތީޖާއާއި ހައްލު ނުލިބޭ ކަމަށްވެސް ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް ދިމާވަނީ ހަރުދަނާ ޕްލޭނަކާ އެކު މަސައްކަތް ނުކުރެވޭތީ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ވެފަ އެވެ. ނަމަވެސް ރާއްޖެއަށް ދަރަނި ނުދެއްކިދާނެ ކަމުގެ ބިރެއް މިވަގުތު ނެތް ކަމަށްވެސް ވޯލްޑް ބޭންކްގެ ރިވިއުގައި ބުނެފައިވެ އެވެ. ނަމަވެސް ހަރަދުތައް ކުޑަކުރަން ލަފާ ދީފައިވެ އެވެ.