އެޗްޑީސީ

ސީލައިފް މީހުނަށް ވިނަރެސްއިން ފްލެޓް ގަތުމަށް އިތުރު ފުރުސަތު

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުނަށް ވިނަރެސް ހައުސިން މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމަށް ރަޖިސްޓަރީ ނުކުރެވުނު ފަރާތްތަކަށް އިތުރު ފުރުސަތެއް އެޗްޑީސީން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީލައިފަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވިނަރެސް ޕްލެޓް ގަނެވޭވީ އެ ކޯޕަރޭޝަނާއި ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅައިވާ މީހުނަށް ކަމަށެވެ. އަދި ސީލައިފަށް ދެއްކި ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް ކަމަށެވެެ.

ވިޔަރެސް ހައުސިން މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ޝައުގުވެރިވާމީހުނަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ އެވެ. ނަމަވެސް، އެ މުއްދަތުގައި ގިނަ މީހުނަށް ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެހެންވެ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަލުން އެމީހުނަށް ހުޅުވާލާއިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެހެންކަމުން ސީލައިފަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރަޖިސްޓަރީ ނުކުރެވުނު މީހުނަށް މިމަހުގެ ހައެއްގެ ކުރިން އެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަން، ސީލައިފްއާއި ހަވާލު ކުރުމުން ގިނަ ބަޔަކު އެ ފްލެޓުތަކަށް ފައިސާ ދެއްކި އެވެ. އޭރު އެ ފްލެޓުތަކަށް 203 މީހަކު ފައިސާ ދައްކާފައިވެ އެވެ.

އެ ފްލެޓްތައް އަޅައިދޭނެ ކަމަށް ބުނެ އެމީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހްމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލު ކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.