ސީލައިފް ފްލެޓް ވިއްކަން ފައިސާ ނަގައިފައިވާ މީހުނަށް ވިނަރެސް މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުން އެޕާޓްމެންޓް ގަތުމުގެ ފުރުސަތު އެޗްޑީސީން ހުޅުވައިލައިފި އެވެ.
އެޗްޑީސީން ބުނީ ވިނަރެސް ފްލެޓް ލިބޭނީ ސީލައިފުން އެޕާޓްމެންޓް ގަތް މީހުނާއެކު ހަދައިފައިވާ ސެޓްލްމެންޓް އެގްރިމެންޓްގެ ދަށުން ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ އަދި ރިފަންޑް ހޯދާފައިވާ މީހުނަށް ކަމަށެވެ.
އެހެންކަމުން މީގެ ތެރެއިން ވިނަރެސް ފްލެޓް ބޭނުންވާ މީހުން މިމަހުގެ 28 ވަނަ ދުވަހުގެ 3:30 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑު ފައިސާ ނުހޯދާ މީހުނަށް ވެސް ވިނަރެސް އިން ފްލެޓް ގަތުމުގެ އެފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. އެމީހުން އެ ފައިސާ ސީލައިފަށް ދެއްކިކަން ސާބިތުކޮށްދޭ ލިޔުން އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަން، ސީލައިފްއާއި ހަވާލު ކުރުމުން ގިނަ ބަޔަކު އެ ފްލެޓުތަކަށް ފައިސާ ދެއްކި އެވެ. އޭރު އެ ފްލެޓުތަކަށް 203 މީހަކު ފައިސާ ދައްކާފައިވެ އެވެ.
އެ ފްލެޓްތައް އަޅައިދޭނެ ކަމަށް ބުނެ އެމީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހްމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލު ކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.