ބިދޭސީން

މަސް ދޯނީގައި ބިދޭސީން ގެންގުޅެން ހުއްދަކޮށްފި

ރާއްޖޭގެ މަސް އުޅަަނދު ފަހަރުގެ މަސައްކަތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ އެ ހުއްދަ ދެނީ މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަން ކުރިމަތި ވާތީ ކަމަށެވެ.

ގަވައިދަށް ގެނައި ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާއި އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ބިދޭސީ ދެ މީހަކު ގެންގުޅެވޭނެ އެވެ.

މަސް އުޅަނދުތަކުގައި ބިދޭސީން ގެންގުޅެވޭނެ ހަމަތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ބިދޭސީންނަށް ހުއްދަ ދެނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާށެވެ. އިތުރުން އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދު ތަކަށް ވެސް ހުއްދަ ދެ އެވެ.

މި ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ގެންގުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ސައްހަ ހުއްދައެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކެއްކަން ޔަގީންކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.