މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިރާސީ އަހަރު ފެށުން އޮގަސްޓް 10 ގައި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަހަރުގެ އޮގަސްޓް 10 ވަނަ ދުވަހު ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޫބަރު 17 ވަނަ ދުވަހުން ފެށިގެން ހަފްތާ އަކަށެވެ. ޑިސެމްބަރު 23 ވަނަ ދުވަހު ފުރަތަމަ ޓާމް ނިމޭއިރު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައިވަނީ ޖެނުއަރީ 16، 2022 ގައެވެ.

ދެވަނަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ދިނުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަފްތާ އަކަށެވެ. ބޮޑު ޗުއްޓީ ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެއް މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށްފަހު 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައިވަނީ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

މި ބަދަލާއި އެކީ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނު ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި / ޖޫން ގައެވެ. ކުރިން އޮކްޓޯބަރު / ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ބާއްވާތީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އެ ދެމެދުގައި ގާތްގަނޑަކަށް ހައެއްކަ މަސް ހޭދަ ކުރަން ޖެހެ އެވެ. އަލަށް ގެނައި މިބަދަލާއި އެކު އެ ދެމެދުގައި ދިގު މުއްދަތެއް ހޭދަކުރަން ނުޖެހޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ދިރާސީ އަހަރުގެ ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މިބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ފައިދާތައް މިނިސްޓްރީން ބަލައި ދިރާސާ ކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވި އެވެ. އެގޮތުން ބައިނަލްއަގްވާމީ ފަރާތްތަކުން ލިބޭ ފުރުސަތުތައް ދަރިވަރުންނަށް އިތުރުވެގެން ދާނެ ކަމަށާއި، މިހާރު އެކެޑެމިކް ކަލަންޑަރު އެކުލަވައިލާފައި ވާނީ އެތަންތަނުގެ ކަލަންޑަރާ އެއްގޮތަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.