ޓްރާންސްޕޯޓް އޮތޯރިޓީ

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް ހިޔާލު ހޯދަނީ

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 26ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އީމެއިލް ކޮށްގެންނާއި ލިޔުމެއް މަޖިލީހުގެ އިދާރާ އަށް ފޮނުވައިގެން ވެސް ހިޔާލު ހުށަހެޅިދާނެ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު ބައެއް މެންބަރުން ވެސް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވާފައި ވަނިކޮށެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ބިލްގައިވެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެތަނުގެ މަސައްކަތްތަކާއި މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ އެ އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިޞާސްގައި ފުށުން އެރުންތަކެއް ހުރެ، މިނިސްޓްރީން ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.

މިމައްސަަލަތައް ކުރިމަތިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު، ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލެއް މަޖިލީހަށް ހުށަހަޅާ، ފާސްކުރުމަށްފަހު އެ އޮތޯރިޓީ އަށް ބޮޑެތި ބާރުތަކެއް ދީފައިވަނިކޮށް މިސަރުކާރު ވެރިކަމާ ހަވާލުވެ އަލުން ޓްރާންސްޕޯޓް މިނިސްޓްރީ އުފެއްދުމަށްފަހު އެ މިނިސްޓްރީގެ ދަށަށް ޓްރާންސްޕޯޓް އޮތޯރިޓީ ބަދަލުކުރި ހިސާބުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވާނެ ކަމަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ވިދާޅުވެފަ އެވެ. އަދި އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.