ރައްޔިތުންގެ މަޖިލިސް

ޖަރާޖު ސިޓީގެ އިސްލާހު ބޭރުކޮށްލައިފި

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އިސްލާހު ފާސް ކުރަން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ނިންމީ މިދިޔަ އޭޕްރީލް މަހު އެވެ. ނަަމަވެސް މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސް ނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލި އެވެ.

ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަަލަ ބޭއްވުމަށް ފަހު ކޮމިޓީން ނިންމީ އިސްލާހު ފާސް ނުކުރާށެވެ. އަދި ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމުން ވެސް މިއަދު ފާސްކުރީ ގަރާޖު ސިޓީ އުވާ ނުލާށެވެ. އިސްލާހު ފާސް ކުރަން ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ނުފެންނަ ކަމަށް 43 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ ތިން މެމްބަރުން ތިއްބެވި އެވެ.

އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ވެސް ފާހެއް ނުވި އެވެ. ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ވޯޓު ދެއްވީ އެންމެ ހަތަރު މެމްބަރުން ނެވެ. ނުފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދެއްވި އިރު ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.

ގަރާޖު ސިޓީ އުވާލަން މެންބަރު ނަޝީދު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަރާޖު ސިޓީ ބޮޑު އަގުގައި ބައެއް މީހުން ވިއްކަމުން ގެންދާތީ އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އާންމުނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދާށެވެ.

މާލޭގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް އަބަދުވެސް ރަޖިސްޓްރީ ކޮށްދެނީ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. ކުރިން އެ މަސައްކަތް ކުރީ ޓްރާންސްޓްޕޯޓް މިނިސްޓްރީން ކަމަށްވީ ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.