ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ފްލޯއިން ތާއީދުކޮށް އެ އޮތޯރިޓީ އުވާލަން ފާސްކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. އޭނާ ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެޓާނީ ޖެނެރަލް އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ވެސް ބައްދަލު ކޮށްފަ އެވެ.
މިއަދުގެ މަޖިލީހުގައި ނެގުނު ވޯޓްގައި 52 މެންބަރުންގެ ވޯޓުން ވަނީ ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމަށް ފާސްކޮށްފައެވެ. ކޮމެޓީގެ ނިންމުމަށް ތާއީދުނުކުރާ މެންބަރަކު ނެތެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ބޭނުންވީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީ އުވާލާފައިވަނިކޮށް އެ މިނިސްޓްރީން އުފެއްދީ މި ސަރުކާރުންނެވެ.