ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމައިފި އެވެ.
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމިޓީން ނިންމި ނަމަވެސް ޕާކް ކުރުމަށް ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކޮށްދިނުމަށާއި އެކަމުގައި ހުރި މާލީ އުދަގޫތައް ފިލުވައިދިނުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން އިންތިޒާމުތަކެއް ހަމަޖައްސަން ކޮމިޓީން ފާސްކުރި އެވެ.
ކޮމިޓީގެ ނިންމުން ފާސްކުރުމަށްފަހު މަޖިލިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީ ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ރިޔާސަތަށް ފޮނުވާފަ އެވެ.
މެންބަރު ނަޝީދު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަރާޖު ސިޓީ ބޮޑު އަގުގައި ބައެއް މީހުން ވިއްކަމުން ގެންދާތީ އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އާންމުނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށެވެ.
ނަޝީދުގެ އިސްލާހު ކޮމިޓީގައި ދިރާސާކުރިއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮމިޓީ އަށް ވަޑައިގެން އިސްލާހު ފާސްކުރަން ދެކޮޅު ހައްދަވާފަ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭ އަކީ ތޮއްޖެހިފައިވާ ތަނަކަށްވާތީ ހަތަރު އުޅަނދުލީ ވެހިކަލްތައް ބާއްވާނެ ތަނެއް ނުދައްކާ އެފަދަ ވެހިކަލްތައް ރަޖިސްޓްރީ ކޮށްދޭން ފަށައިފިނަމަ ނިކުންނާނެ ނުރަނގަޅު ނަތީޖާ ތަކެއް ހުންނާނެ ކަމަށެވެ.
"ހަގީގަތުގައި ވެހިކަލް ބާއްވާނެ ފިޒިކަލް ސްޕޭސްއެއް އޮތްކަން ކަށަވަރުކުރުން މުހިންމު،" މޭޔަރު ވިދާޅުވި އެވެ.
ކޮމިޓީން މީގެކުރިން ވަނީ އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ނިންމާފަ އެވެ. އެކަމަކު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ހިމެނޭ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ދެކޮޅު ހެއްދެވުމުން އިސްލާހު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު އެވެ.
މާލޭގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް އަބަދުވެސް ރަޖިސްޓްރީކޮށްދެނީ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. ކުރިން އެ މަސައްކަތް ކުރީ ޓްރާސްޓްޕޯޓް މިނިސްޓްރީން ކަމަށްވީ ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.