އިނގިރޭސިވިލާތް

ޔޫކޭން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހޯދަނީ

އިނގިރޭސި ވިލާތުން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހޯދާ ބަލަމުން އަންނަ ކަމަށް އެ ގަމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރަނިލް ޖަޔަވަރްދެނާ ވިދާޅުވެއްޖެ އެވެ.

ރަނިލް މިފަދައިން ވިދާޅުވެފައި އިއްޔެ ވަނީ ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގައި އެގައުމުގެ ކޮންޒަވޭޓިވް މެމްބަރު އެންޑްރޫ ރޮސިންޑެލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެންޑުރޫ ކުރެއްވި ސުވާލުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރުމާއި އިންވެސްޓްކުރުން އިތުރު ކުރުމަށް ސެކްރެޓަރީ އޮފް ސްޓޭޓުން ކުރައްވަމުން އަންނަނީ ކޮން ކަންތަކެއްތޯ އެއްސެވި އެވެ.

ޖަވާބުގައި ރަނިލް ވިދާޅުވީ ރާއްޖެއަކީ ޔޫކޭ އަށް މުހިންމު ގައުމެއް ކަމަށާއި ދެގައުމަށް ފައިދާ ވާނެހެން ވިޔަފާރި ކުރުމަށާއި އިންވެސްޓް ކުރެވޭނެ ގޮތްތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދެ ގައުމަށް ފައިދާވާނެހެން ކާބޯތަކެއްޗާއި، ދިފާއީ ކަންކަމާއި، ތައުލީމީ ދާއިރާ، ސިއްހަތު ދާއިރާ، ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީ ކުރިއަރުވާނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖޭ އަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޔޫކޭ އާއި އެހެން ތަންތަނުގެ ޕާޓުނަރުންނާއި ގުޅިގެން އިންވެސްޓް ކުރުމާއި ވިޔަފާރި އަދި ޓުވަރިޒަމް ދާއިރާ ކުރިއަރުވަން ރާއްޖެއިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އަދި މި ދާއިރާތަކަށް ހާއްސަކޮށްގެން އެކި ގައުމުތަކަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަންތަކުން ބައިނަލްއަގްވާމީ ވެބިނާތައް ބާއްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެއިން ޔޫކޭ އަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުން މިހާރު 20 ޕަސެންޓް ޓެކްސް ނަގާ ކަމަށް މިއުވާން ފާހަގަކުރެއްވި އެވެ. ޔޫކޭގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެގައުމުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކޮށްގެން މި އަދަދު ކުޑަކުރުމަށް ނުވަތަ އުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ޔޫކޭ މާކެޓަށް އެކްސްޕޯޓް ކުރާ މަހުގެ އަދަދު އިތުރު ވާނެ އެވެ.