ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާ އާ ކޮށް ދިނުމަށް ނިންމާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތައް
- ހަނޑޫ
- ހަކުރު
- ފުށް
- ފިޔާ
- ބިސް
- އަލުވި
- މުގު
އެގޮތުން، މިދިއަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރާ ހަވާލާދީ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތް ނަމަވެސް، ރާއްޖެއަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިދީފައިވާތީ ޝާހިދު ވަނީ އިންޑިއާ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައި ދީފަ އެވެ.
ކޯޓާ އާ ކޮށްދިނުމުގެ އިތުރުން، ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ބަޖެޓު ސަޕޯޓަށް 250 މިލިއަން ޑޮލަރުގެ އިތުރުން ތިލަމާލެ ބްރިޖު މަޝްރޫއުއަށް 500 މިލިއަން ޑޮލަރު ދޭން އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.