ދުނިޔެ

ވަޓްސްއެޕް އާއި ސްނެޕްޗެޓް އިނގިރޭސި ވިލާތުގައި މަނާކޮށްފާނެ

އިނގިރޭސި ވިލާތުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެންކްރިޕްޓް ކޮށްފައި ހުންނަ މުއާސަލާމަތީ ވަސީލަތްތައް މަނާކުރަން ގަސްތުކުރައްވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެ އެވެ.

އެތައް މިލިއަން ބަޔަކު މުއާސަލާތު ކުރުމަށް ބޭނުންކުރާ ވަޓްސްއެޕާއި ސްނެޕްޗެޓަކީ އެ ދެ އެޕްލިކޭޝަން މެދުވެރިކޮށް ކުރާ މުއާމަލާތްތައް ސާވާއެއްގައި ރައްކާ ނުކުރެވޭ ގޮތަށް ހުންނަ އެޕްލިކޭޝަންތަކެވެ. އެހެންވެ ޓެރަރިސްޓް ހަރަކާތްތައް ހިންގާ މީހުން މިފަދަ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފާނެ ކަމަށް ކެމަރަން ވަނީ ވިދާޅުވެފަ އެވެ.

ކެމަރަން ވިދާޅުވީ މި އަހަރުގެ އާންމު އިންތިހާބު އޭނާ އަށް ކާމިޔާބު ވެއްޖެ ނަމަ، އެންކްރިޕްޓް ކޮށްފައި ހުންނަ މުއާސަލާތީ ވަސީލަތްތައް މަނާކުރުމުގެ ގާނޫނެއް ވުޖޫދަށް ގެންނަވާނެ ކަމަށެވެ. މިކަން ހަގީގަތަކަށް ވެއްޖެ ނަމަ ވަޓްސްއެޕާއި ސްނެޕްޗެޓްގެ އިތުރުން އައިމެސެޖާއި ފޭސްޓައިމް ވެސް މަނާވާނެ އެވެ.

ކެމަރަންގެ މި ވިސްނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް، ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ. އަދި މިއީ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ. ކެމަރަން ވިދާޅުވީ މިއީ ވަރަށް ބޮޑު ނިންމުމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަަމަކު އިނގިރޭސި ވިލާތަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވަމުން އަންނާތީ މިއީ ކޮންމެހެން އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ސުވާލަކީ ހައްދުފަހަނަޅާފައިވާ މީހުން ވެސް އަދި އެހެން މީހުން ވެސް ހިމެނޭ ގޮތަށް، އެހެން ފަރާތަކަށް އެއްގޮތަށް ވެސް ނުބެލޭނެ ގޮތަކަށް މުއާސަލާތު ކުރުމުގެ ހުއްދަ މި ގައުމުގައި އޮންނަން ޖެހޭތޯ؟ މިހާ ހިސާބަށް މި ގައުމުގެ ސަރުކާރުތަކުން ވަނީ މިކަން ހުޓުވާނެ ކަމެއް ނެތޭ ބުނެފައި. މިހާރު އެ ފަދަ މުއާމަލާތައް ކުރެވިގެން ނުވާނެ،" ކެމަރަން ވިދާޅުވި އެވެ.