ސަލަފް ޖަމިއްޔާ

ގަހަނާ ލިބޭ ފޮޓޯ މުބާރާތެއް ސަލަފުން ފަށައިފި

ޖަމިއްޔަތުއް ސަލަފުން "ފޮޓޯ ހުނަރު" ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ފެށި މި މުބާރާތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. މުބާރާތުގަައި ބައިވެރި ކުރެވޭނީ މިސްކިތްތަކުގެ ފޮޓޯ އެކަންޏެވެ.

ސަލަފުގެ އޮފިޝަލަކު ވިދާޅުވީ މިސްކިތެއްގެ ފޮޓޯއެއް ނެގުމަށް ފަހު [email protected] އަށް މެއިލް ކުރުމުން މުބާރާތުގަިއ ބައިވެރިވެވޭނެ ކަމަށެވެ. މުބާރާތަށް ފޮނުވާ ފޮޓޯތައް ސަލަފުން ސޯޝަލް މީޑިއާގައި އާންމު ކުރާނެ އެވެ. އަދި އެންމެ ގިނަ ލައިކްސް ލިބޭ ތިން ފޮޓޯއެއް ހޮވާ އިނާމު ދޭނެ އެވެ. އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިލްވާ ލޯބި ޕޭޖުގައި ހިމެނޭ ގަހަނާތަކުގެ ތެރެއިން އެ މީހަކު ބޭނުންވާ ގަހަނާއެކެވެ.

މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވާ އިނާމު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މުބާރާތަށް ފޮޓޯ ފޮނުވުމުގެ ފުރުސަތު ރޯދަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ފޮޓޯ މެއިލްކުރާއިރު ފޮޓޯގައި ހިމެނޭ މިސްކިތުގެ ނަމާއި އެ މިސްކިތް ހުރި ރަށެއް އަދި ފޮނުވާ މީހާގެ ނަމާއި އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމަނަންވާނެ އެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ސަލަފުން ކޮންމެ އަހަރަކުވެސް ތަފާތު ޕްރަގްރާމްތައް ކުރިއަށް ގެންދެއެވެ.

އެގޮތުން ދީނީ ސުވާލު މުބާރާތްތަކާއި ރޯދައަށް ހާއްސަ ދަރުސް ޕްރަގްރާމް އަދި ރޭގަނޑު ގެނެސްދޭ ހާއްސަ ޕްރަގްރާމްތައް ހިމެނެއެވެ.

މިއަހަރު ފުރުގާން މިސްކިތުގައި ދަރުސް ސިލްސިލާ ފަށާފައިވާއިރު އެ ސިލްސިލާ ކުރިއަށް ގެންދަނީ "ސިލޭހަ" ނަމުގައި ދުއާތަކަށް ހާއްސަކޮށްގެންނެވެ. އަދި "ކިތާބުއްސިޔާމް" ގެ ނަމުގައި ހާއްސަ ޕްރަގްރާމަކާއި "ގަދީމީ ވާހަކަ" ގެ ނަމުގައިވެސް ހާއްސަ ޕްރަގްރާމެއް ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން މަންހަޓަން ފިޝްމާކެޓުން ރޯދަ ވީއްލުން ލިބޭ ހަފްތާގެ ސުވާލު މުބާރާތަކާއި "ޑައުން ޓް ޑަސްކް" ގެ ނަމުގައިވެސް އިނގިރޭސި ބަހިުން ސުވާލު މުބާރާތެއް ކުރިއަށް ގެންދެއެވެ.