ރައްޔިތުންގެ މަޖިލިސް

ގަތަރު ސަފީރަކަށް އުމަރު އައްޔަންކުރަނީ

Apr 21, 2021

ދިވެހިރާއްޖެއިން ގަތަރަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް އުމަރު އަބްދުއްރައްޒާގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅުއްވައިފި އެވެ.

ދިވެހިރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ވެސް ހުންނެވީ އުމަރު އަބްދުއްރައްޒާގެވެ.

އޭނާ އަށް ރުހުން ދެއްވުމާ މެދު މެންބަރުންގެ މަޝްވަރާ އަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީ މިއަދު ވަނީ މަޖިލީހަށް އިއްވަވާފަ އެވެ. އަދި އޭގެ ފަހުން އެ މައްސަލަ ދިރާސާކުރަން ފޮނުވީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށެވެ.

ގަތަރަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަންކުރެއްވުމުގެ މަސައްކަތް ފަށާފައި މިވަނީ މިދިޔަ މާޗް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ ގަތަރަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަންކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަތަރާއި ދިވެހިރާއްޖެ އަކީ ޒަމާންވީ ގާތްގުޅުންތަކެއް އޮތް ދެ ގައުމެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން 5، 2017 ގައި ވަނީ ރާއްޖެއިން ގަތަރާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލާފަ އެވެ. އެގުޅުން އަލުން އުފެއްދެވީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.

ދިވެހިރާއްޖެ އިން ގަތަރާއި އެކު ގުޅުން ބަދަހިކުރުމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ.