މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަނުކުރަން ކޮމިޓީން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަަމަށް މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްލާ އައްޔަންކުރަން ކޮމިޓީން ރުހުން ދިން މިއީ ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްލާ އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަން ލިސްޓުގެ އެންމެ ކުރީގައި އޭނާގެ ނަން ބޭއްވުމަށްފަހު ކުރިން ދެ ފަހަރުވެސް މަޖިލީހުގެ ތަޅުމުން ވަނީ އޭނާ އަށް ރުހުން ނުދީފަ އެވެ. ތިންވަނަ ފަހަރަށް ކޮމިޓީން ޝިފްލާ އަށް ރުހުން ދިން ނަމަވެސް ރައީސް ސޯލިހް މިފަހަރު މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. ޝިފްލާގެ ނަން އޮތީ ދެވަނައިގަ އެވެ. މަޖިލީހަށް ނަންތައް ފޮނުވުމުން މަޖިލީހުން ރުހުންދޭ އިރު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ލިސްޓު ތަރުތީބުން ރުހުން ދިނުމަށް ވަރަށް ގިނަ ފަހަރު އިސްކަންދީފައިވެ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ފޮނުއްވި ލިސްޓްގައި ހިމެނޭ ހުރިހާ ބޭފުޅުންނާ ކޮމިޓީން މިއަދު ވަނީ އިންޓަވިއު ކޮށްފަ އެވެ. އަދި ޝިފްލާ އަށް ރުހުން ދޭން ފާސްކުރީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ކޮމިޓީގައި ޝިފްލާ ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ދެ ފަހަރަށް ކުރިމަތިލެއްވުމުން ވެސް ފެއިލްވުމުން އަލުން ތިންވަނަ ފަހަރަށް ކުރިމަތިލެއްވީ އޭނާ އަކީ ކަންކަމުގައި އެހާ ފަސޭހައިން ދޫދޭ މީހަކަށް ނުވާތީ ކަމަށެވެ. އަދި މީޑިއާގައި 20 އަހަރު ހޭދަކޮށްފައިވާތީ އެ މަގާމަށް ބޭނުންވާ ތަޖުރިބާ ހުރި ކަަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޝިފްލާ ވަނީ ޖާނަލިޒަމްގެ ދާއިރާއާއި ޑިގްރީއާއި މާސްޓާސް ވެސް ހާސިލްކުރައްވާފަ އެވެ. އޭނާ މިހާރު ވެސް ގެންދަވަނީ ޕާޓްޓައިމްކޮށް ސަންގު ޓީވީގައި ނިއުސް އޭންކަރެެއްގެ ވަޒީފާ އަދާކުރައްވަމުންނެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ.

ބްރޯޑްކޮމް އެކުލެވެނީ ހަތް މެމްބަރުންގެ މައްޗަށެވެ. މިވަގުތު އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބް ރައީސަކީ އަހުމަދު ގައިސް އެވެ. ކޮމިޝަންގައި ތިއްބެވި އިތުރު މެންބަރުންނަކީ އަލީ ޔޫސުފު، އައިމިނަތު އަމީނާ، އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީނެވެ. ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.