ފިނިޕޭޖް

ކޯލްޑްޕްލޭގެ ފަހު އަލްބަމް ނެރޭނީ އަންނަ މަހު

އިނގިރޭސި ވިލާތުގެ ރޮކް ބޭންޑް "ކޯލްޑްޕްލޭ" ގެ ފޭނުންނަށް މިއޮތީ އުފާވެރި ޚަބަރަކާ އެކު ހިތާމަވެރި ޚަބަރެއް ވެސްމެ އެވެ. އެމީހުންގެ އާ އަލްބަމް "އަ ހެޑް ފުލް އޮފް ޑްރީމްސް" އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ނެރޭނެ އެވެ.

ހިތާމަވެރި ޚަބަރަކީ، މި އަލްބަމެއް ވެގެންދާނީ ކޯލްޑްޕްލޭގެ އެންމެ ފަހު އަލްބަމަށް ކަމެވެ. ބީބީސީ އަށް މިދިޔަ އަހަރު ދިން އިންޓައިވުއެއްގައި ބޭންޑްގެ ކޯ ފައުންޑާ އަދި ލީޑް ވޯކަލިސްޓް ކްރިސް މާޓިން ބުނެފައި ވަނީ އެމީހުންގެ މި އަލްބަމަކީ ސިލްސިލާގެ ނިމުން ކަމަށެވެ. އަދި އެންމެންގެ ހުރިހާ ހުނަރެއް މި އަލްބަމަށް ދެވިފައިވާއިރު މިއީ ކޯލްޑްޕްލޭގެ މެމްބަރުން އެކުގައި މިގޮތަށް ކުރާނެ ފަހު މަސައްކަތަށް ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

"އަ ހެޑް ފުލް އޮފް ޑްރީމްސް" އަކީ ކޯލްޑްޕްލޭގެ ހަތް ވަނަ ސްޓޫޑިއޯ އަލްބަމެވެ. މި އަލްބަމްގެ ފުރަތަމަ ސިންގަލް "އެޑްވެންޗާ އޮފް އަ ލައިފްޓައިމް" އާންމުކޮށް ނެރެފައިވާއިރު އެ ލަވަ އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މާޓިން އާއި ލީޑް ގިޓަރިސްޓް ޖޮނީ ބަކްލެންޑް ގުޅިގެން ކޯލްޑްޕްލޭ އުފެއްދީ 1996 ވަނަ އަހަރު އެވެ. އޭރު މި ބޭންޑަށް ކިޔަނީ "ޕެކްޓޯރަލްސް" އެވެ.

އެއަށް ފަހު ކޯލްޑްޕްލޭގެ ނަން ބޭންޑަށް ދިނުމުގެ ކުރިން "ސްޓާފިޝް" ގެ ނަން ވެސް ދިނެވެ. ކޯލްޑްޕްލޭގެ ގޮތުގައި ކޯލްޑްޕްލޭ ރަސްމީވީ 1998 ވަނަ އަހަރު އެވެ.

މި ބޭންޑަށް ދުނިޔޭގެ ސަމާލުކަން ލިބި މަޝްހޫރުވީ 2000 ވަނަ އަހަރު ނެރުނު އެމީހުންގެ ކާމިޔާބު އަލްބަމް "ޕެރަޝޫޓްސް" ގެ މަޝްހޫރު ސިންގަލް "ޔެލޯ" އިންނެވެ. އެއަށް ފަހު ފަސްއެނބުރި ބެލުމެއް ނެތެވެ.

އޯލްޓަނޭޓިވް ރޮކް އަދި ޕޮޕް ރޮކް ޖޮންރާގެ ތެރެއަށް ދަމައިގެންގޮސްފައިވާ ކޯލްޑްޕްލޭ އަކީ ޝަރަފްވެރި ގްރެމީ އެވޯޑްސް އަށް 25 ފަހަރެއްގެ މަތިން ނޮމިނޭޓްވެ ހަތް ގްރެމީ ލިބިފައިވާ ބޭންޑެކެވެ.