ހިޔާ މަޝްރޫއު

އާދީއްތައިން ފެށިގެން އިތުރު ކެޓެގަރީތަކުގެ ގުރު ނަގަނީ

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ފްލެޓްތަކުގެ އިތުރު ކެޓަގަރީތަކުގެ ގުރު ނެގުން އާދީއްތަ ދުވަހުން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން މިމަހުގެ އަށް ވަނަ ދުވަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ ނުވަތަ އެޗް-10 ކެޓަގަރީން ފްލެޓް ލިބުނު 188 މީހުންގެ މެދުގައި ގުރު ނަގާފަ އެވެ.

އާދީއްތަ ދުވަހުން ފެށިގެން ގުރު ނަގާ ކެޓެގަރީތައް

  • ޑޮކްޓަރުންނާއި ނަރުހުންގެ ކެޓެގަރީ (އެޗް-4)
  • ޓީޗަރުންނަށް ހާއްސަ ކެޓެގަރީ (އެޗް-5)
  • އެކަނިވެރި މައިންނާ ބަފައިންނަށް ހާއްސަ ކެޓެގަރީ (އެޗް-6)
  • 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓެގަރީ (އެޗް-7)
  • މާލެ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ (އެޗް-8)
  • މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ ކެޓެގަރީ (އެޗް-9)
  • ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެތެގަރީ (ފަންނީ، އިދާރީ ސަޕޯޓް)

މީގެއިތުރުން ވެށިފަހި ޕްރޮގްރާމްގެ ދަށުން ގާކޮށިންނާއި އަރަބިއްޔާއިން ފްލެޓް ލިބި ފައިސާ ނުދެއްކިގެން ފްލެޓް ނުލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ހިޔާރުކުރި މީހުން ވެސް ހިމެނެ އެވެ. އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ހިޔާ ފްލެޓް ގަތް މީހުންގެ މެދުގައިވެސް ގުރު ނެގުން ކުރިއަށް ގެންދާނެ އެވެ.

ދެ ޝެޝަންއަކަށް ބަހާލައިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އާދީއްތަ ދުވަހުން ފެށެގެން ގުރު ނެގުން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން ފުރަތަމަ ސެޝަން ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ދެވަނަ ސެޝަން މެންދުރު 1:00 އިން 3:00 އަށް ކުރިއަށް ދާނެ އެވެ.

އެޗްޑީސީ އިން ބުނީ ކޮންމެ ދުވަހަކު ވެސް އެ ދުވަހަކު ގުރު ނަގާނެ މީހުން އެއް ދުވަސް ކުރިން އިއުލާނު ކުރާނެ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ގުރު ނަގާނީ ވަކި އަދަދެއްގެ މީހުންގެ މެދުގަ އެވެ.

ގުރުއަތުލުން ކުރިއަށް ގެންދާނީ ފްލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުންނެވެ. އަދި ގުރުއަތު ނަގާއިރު ނެގުނު ފްލެޓާއި ފުލޯ އާއި ބޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކާނެ އެވެ.

ދާއިމީ ފްލެޓް ލިސްޓުގައި ހިމެނުނު މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އެމީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާއެކު ކޮންމެ މީހަކާއެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމެންޓް ދައްކަން އުނދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ އެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500 ރުފިޔާ ދައްކަން ޖެހެ އެވެ.