ހަބަރު

އެސްޓީއޯ އިން މާލޭގެ މޫދު ސާފުކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން މޫދު ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަދު ހެނދުނު ފެށި އެ ޕްރޮގްރާމުގައި މާލޭގެ ދަތުރުވެރުންގެ މާރުކޭޓާއި ދިމާލު މޫދުގެ ސަރަހައްދުން ގާތްގަނޑަކަށް 200 ފޫޓުގެ ސަރަހައްދެއް ވަނީ ސާފުކޮށްފަ އެވެ.

އެސްޓީއޯގެ ބިޒްނަސް ޑިވޮލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސްގެ ހެޑް މުސްލިހު މަސީހު ވިދާޅުވީ، މިއަދު ފަށާފައިވާ ސާފުކުރުމުގެ މަސައްކަތަކީ އެސްޓީއޯގެ މުވައްޒަފުންނާއި އާންމުން ތިމާވެއްޓަށް ހޭލުންތެރިކުރުވުމުގެ ގޮތުން، ހަތަރު ޖަމިއްޔާއެއް ގުޅިގެން ފެށި މަސައްކަތެއް ކަމަށެވެ.

އެސްޓީއޯ ރީފް ކްލީނިން ޕްރޮގްރާމުގައި މިއަދު ބައިވެރިވެފައިވަނީ، ސޭވް ދަ ބީޗް އާއި ނައިން ސްޓާ ޑައިވް އާއި ޑެމޭޖް ކޮންޓްރޯލްގެ އިތުރުން ޑައިވް މޯލްޑިވްސް ޖަމިއްޔާ އިން ނެވެ.

ޑައިވް ޖަމިއްޔާތަކުގެ ޑައިވަރުން ވަނީ އެ ސަރަހައްދުގެ މޫދުގައި ކުނި ނަގަން 20 މީޓަރަށް ފީނާފަ އެވެ. ޕްރޮގްރާމް ނިންމާލީ މިއަދު 12:15 ގަ އެވެ. އެސްޓީއޯ އިން ވަނީ މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް 2009 ވަނަ އަހަރު ވެސް ބާއްވާފައެވެ. މޫދު ސާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް މުސްލިހު ވިދާޅުވި އެވެ.