އިލެކްޝަންސް ކޮމިޝަން

ބައި އިލެކްޝަން ޖޫން 5 ގައި

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބަައި އިލެކްޝަން އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބަށް ފުރުސަތު ހުޅުވާލުން ބައެއް ދާއިރާތަކަށް އިންތިހާބު ކުރަަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ. އަދި ދެ ރަށަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެއެވެ.

ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އަދި އއ، ފެރިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. އެެހެންވެ އަދި އިތުރު ހަތަރު މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ. ހދ. ނޮޅިވަރަމްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއް މެންބަރަކު އަދި ބ. ފުޅަދޫ އާއި ކ. ދިއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވެސް މެންބަރު އިންތިހާބު ކުރަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބަށް ހުޅުވާލުމުން ކުރިމަތި ނުލާ ދާއިރާތަކުގެ އިންތިހާބު ޖޫން މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް 10 ރަށެއްގައި ބާއްވަން ޖެހެ އެވެ. ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ހަތަރު ރަށެއްގައި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ހަ ރަށެއްގައި ބާއްވަން ޖެހެ އެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. ތަަކަންދޫ އާއި ބ. ކިހާދޫ އާއި ފ. ދަރަނބޫދޫ އަދި ލ. މާވަށުގަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. އުލިގަމާއި ނ. މަނަދޫ އާއި ރ. މާކުރަތު އާއި ބ. ކެންދޫ އާއި ވ. ފުލިދޫގެ އިތުރުން ލ. ކަލައިދޫގަ އެވެ.