ވިޔަފާރި

މިއީ ވިޔަފާރިވެރިން ގައުމީ އިންޓްރެސްޓުގައި މަސައްކަތްކުރަންވީ ވަގުތު: ޖަނާ

  • ކަންކަން ހައްލު ކުރުމުގެ އެފިޝެންސީ ސަރުކާރުގައި އެބަހުރި
  • އިންވެސްޓަރުން ތިބީ ކުރިއަށްދާން ތައްޔާރަށް

މިހާރުގެ ހާލަތަކީ ދިވެހި ވިޔަފާރިވެރިން ގައުމުގެ އިންޓްރެސްޓުގައި މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށާއި، ހުރިހާ ދިވެހިން ވެސް ގައުމުދެކެ ލޯބިވާން ޖެހޭ ކަމަށް ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލްކުރާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްްޓްރީން (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށްހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން "އަވަސް" އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް ދާއިރާގައި ވެސް މަސައްކަތް ކުރައްވާ ޖަނާހު ވިދާޅުވީ ސިންގަޕޫރާއި، ޗައިނާ އަދި ދޯހާއަށް ދަތުރުތަކެއް ކޮށްފައިވާ ކަމަށާއި، ބޭރުގެ ފަރާތްތަކުން ގިނަ ސުވާލުތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ ކަންތައްތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު އިންވެސްޓްކޮށްގެން ތިބި މީހުންނަށް އެބަ އެނގޭ ރާއްޖޭގެ ކަންތައްތައް. އެ ބޭފުޅުން ދެކެނީ އެއީ ޑޮމެސްޓިކް އިޝޫއެއްގެ ގޮތުގައި. މީތި ސްޓިލް އައުޓް ވެގެން ނުދާނަމަ މައްސަލައެއް ނުޖެހޭ. އަނެެއްކާ ގަވަރުމަންޓުގެ އެފިޝެންސީ އެބަހުރި،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމެއްގެ ހަޔާތުގައި ސިޗުއޭޝަންތަކެއް އަންނާނެ ކަމަށާއި، މިފަދަ ދަނޑިވަޅުތަކުގައިވެސް ގައުމު ޕްރޮޓެކްޓް ކުރަން ޖެހޭ ކަމަށެވެ.

"މި ސިޗުއޭޝަން ގޯސްނުވާނަމަ އަޅުގަނޑަކަށް ނުފެނޭ ގެއްލުންތަކެއް ވާނެ ކަމަކަށް. ސަރުކާރުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅުވަމުންދޭ. އެކަންކަން ވަރަށް ސާފުކޮށް ބޭރަށް އެނގޭ. މިޑުލްއީޓްގެ އިންވެސްޓަރުން ވެސް އަޅުގަނޑުމެންމާއެކު ކުރިއަށްދާ ގޮތަށް ތިބީ. އެ ބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތް،" ޖަނާހު ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ރިސޯޓު އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ޖަނާހު ވިދާޅުވީ ސަރުކާރުގެ އެކި ގުނަވަންތައް ބަރާބަރަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ކުރަމުން ޖެހޭ ކަންތައްތައް ކުރެވެމުން ދިއުމަކީ ހެޔޮފާލެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުން ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ މައުލޫމާތު ދެމުން. މިއީ ހުރިހާ ވިޔަފާރިވެރިން ވެސް ގައުމުގެ އިންޓްރެސްޓުގައި މަސައްކަތް ކުރަންވީ ވަގުތު. ދިވެހިން ޖެހޭ ގިނަ މަސައްކަތްތަކެއް ކުރަން. ހަމައެކަނި މަސައްކަތް ކުރަން ޖެހޭނީ ސަރުކާރުން އެކަންޏެއް ނޫން. އެހެންވީމަ ހުރިހާ ވިޔަފާރިވެރިން ވެސް ގައުމުގެ ހައްގުގައި، ގައުމުގެ ނަން ޕްރޮޓެކްޓްކޮށް ޕޮޒިޓިވް ނިއުސް ކްރިއޭޓް ކުރަން ޖެހޭ،" ހޮޓެލް އެންޑް ރިސޯޓްސްގެ ޗެއާމަން ޖަނާހު ވިދާޅުވި އެވެ.