ލާމަރުކަޒު ކުރުން

ކައުންސިލަރުންގެ މުސާރަ ބޮޑު ބަހުސަކަށް

ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަމެއްދީ ރަށްތަކުގެ ހަގީގީ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ދިނުމަކީ ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުގެ ވައުދެކެވެ. އެ މަގަށް ސަރުކާރުން ގެންދަނީ މަސައްކަތްވެސް ކުރަމުންނެވެ. ގާނޫނުތަކަށް ބަދަލު ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމުގެ މަރުހަލާ ވަނީ ފެށިފައެވެ. އީދު ބަންދަށް ފަހު އާ ކައުންސިލަރުން ހުވާ ކުރުމާއެކު ލާމަރުކަޒީ ނިޒާމުގެ މުޅީން އާ ބާބެއް ފެށޭނެ އެވެ. ސަރުކާރާއި ރައްޔިތުން އުންމީދު ކޮށްގެން ތިބީ އެގޮތަށެވެ.

ލާމަރުކަޒީ ގާނޫނަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު ވަރަށް ބޮޑު ބަދަލެއް ގެނައެވެ. ގިނަ ބާރުތަކެއް ކައުންސިލްތަކުން ނެގިއެވެ. އަދި ކައުންސިލަރުންނަށް ދެމުން އައި މުސާރަ އާއި އިނާޔަތްތަކަށް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސްފައިވެއެވެ. އެހެން ކަމުން މުސާރަ އާއި އިނާޔަތް އިޔާދަކޮށް ހައްގު މިންވަރު ދިނުމަކީވެސް މި ސަރުކާރުގެ ވައުދެކެވެ. ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަންގެ މަޝްވަރާތަކަށް ފަހު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ނިންމާ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ޖެނުއަރީ 9، 2020 ގައެވެ.

މަޖިލީހުގައި އެ މަސައްކަތް މަޑުޖެހިފައި އޮތީ ކައުންސިލް އިންތިހާބު ފަސްވެ ހިނގަމުންދާ ދައުރަށް އިތުރު މުއްދަތުތަކެއް ދޭން ޖެހުމުންނެވެ. ނަމަވެސް އަހަރު ދުވަހަށް ފަހު އިންތިހާބު ބޭއްވި ފިތުރު އީދަށް ފަހު އާ ކައުންސިލަރުން ހުވާކޮށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާން ހަމަޖެހުމުން މާލިއްޔަތު ކޮމެޓީން ވަނީ ކައުންސިލަރުންގެ މުސާރައާ ގުޅޭގޮތުން ޕޭ ކޮމިޝަނުން ފޮނުވި މައްސަލައާ ގުޅޭގޮތުން ގޮތްތަކެއް ނިންމާފައެވެ. ނަމަވެސް ކޮމެޓީގެ ނިންމުން އައީ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް ހުރެއެވެ. ކޮމެޓީގެ ނިންމުން އައީ ވަރަށް ހަނި އަގުލަބިއްޔަތަކުންނެވެ.

ކޮމެޓީގެ ނިންމުން

ކޮމިޓީން އިއްޔެ ފާސްކުރީ އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް 28،000 ރުފިޔާ ދިނުމަށެވެ. ރަށު ކައުންސިލްތަކުގެ ރަައީސުންނަށް 23،000 ރުފިޔާ ދިނުމަށެވެ. ރަށު ކައުންސިލްތަކުގެ ނައިބުންނަށް 15،000 ރުފިޔާ އެވެ. އަދި މެންބަަރުންނަށް 12،000 ރުފިޔާ ދިނުމަށެވެ.

ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ އެވެ. ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ދިނުމަށްވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވެ އެވެ. މިއީ ޕޭ ކޮމިޝަނުންވެސް ހުށައަޅާފައި އޮތް ގޮތެވެ.

ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ދިނުމަށް މި ނިންމި މުސާރައަކީ ކުރީން ދިން މުސާރައަށް ވުރެ ބޮޑު މުސާރައެކެވެ.

މާލިއްޔަތު ކޮމެޓީގައި މެންބަރުން ވަނީ މުސާރައާ ގުޅޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދައްކާ މަޝްވަރާކޮށްފައެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވި ގޮތުގައި މުސާރަތައް ބޮޑު ކުރުމުގައި ޕޭ ކޮމިޝަނުން ބަލާފައިވަނީ އެކި ދާއިރާތަކުން މިހާރު ދެމުންދާ މުސާރައަށެވެ. އަދި އެކި މަގާމުތަކަށް މުސާރަ ކަނޑައަޅާފައިވަނީ އެ ފެންވަރުގެ އެހެން މަގާމުތަކަށް ބެލުމަށް ފަހު ކަމަށް ޕޭ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. ކޮމެޓީގެ ނިންމުން އައީ އެ ކަންކަމަށް ރިޔާއަތް ކުރުމަށް ފަހު އެވެ.

މެންބަރުންގެ ހިޔާލު ވަރަށް ތަފާތު

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމާމެދު މެންބަރުންގެ މެދުގައި މާބޮޑު ހިޔާލު ތަފާތުވުމެއް ނެތެވެ. ނަމަވެސް އެކި މަގާމުތަކަށް ހަމަޖައްސާފައިވާ މުސާރައާ ދޭތެރޭ މެންބަރުންގެ ހިޔާލު ވަރަށް ތަފާތެވެ. ހާއްސަކޮށް އެކި މަގާމުތަކުގައި މުސާރައިގެ ބޮޑު ފަރަގެއް ހުރުން އެއީ މެންބަރުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ.

މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމުގަ އެވެ. އެގޮތުން 23،000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. ބައެއް މެންބަރުން އެދިވަޑައިގަތީ އެ އަދަދު 20،000 ރުފިޔާ އަށް ކުޑަކުރުމަށެވެ.

އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ. ގަފޫރު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ރައީސުންނަށް 23،000 ރުފިޔާގެ މުސާރައެއް ބޮޑެވެ. އެ އަދަދުން ތިން ހާސް އުނިކުރުން ރަނގަޅެވެ. އޭނާ ވަނީ ކައުންސިލްގެ ރަައީސާއި މެންބަރުންގެ މެެދުގައި މުސާރައިގެ ބޮޑު ތަފާތެއް ހުރުން ބަލައިނުގަނެވޭނެ ކަމަށެވެ. އެ ހުށައެޅުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲވެސް ތާއީދު ކުރެއްވިއެވެ. ނަމަވެސް އެ ހުށައެޅުން ގަފޫރު ފަހުން ވަނީ ގެންދަވާފައެވެ. ނަމަވެސް ކަންބޮޑުުވުންތައް އޮތް ކަމަށް ވިދާޅުވިއެވެ.

"މިހާ ބޮޑު ތަފާތެއް މުސާރަ އަށް އަންނަން ހެޔޮ ނުވާނެ ނޫންތޯ. އެހެން މެންބަރުން ވެސް އެ ތިބީ އިންތިހާބު ވެގެން އައިސް،" ހުށައެޅުން ނެންގެވުމުގެ ކުރީން ގަފޫރު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި މެންބަރުންގެ މެދުގައި މުސާރައިގެ ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. ކައުންސިލް މެންބަރަކަށް 12،000 ރުފިޔާ ލިބޭއިރު ކައުންސިލްތަކުގެ ރައީސުންނަށް އެ އަދަދަށް ވުރެ އިތުރަށް 11،000 ރުފިޔާ ލިބެއެވެ. މެންބަރުން ފާހަގަކުރި ގޮތުގައި މިއީ މާބޮޑު ފަރަގެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުވެސް މުސާރާގައި ހުރި ފަރަގާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަފީފު ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮތް ބަދަލު ކުރަން ޖެހެއެވެ. އެއީ ކޮންމެހެން މުސާރަ ކުޑަކުރުމެއް ނޫނެވެ. މުސާރަ ކުޑަ ނުކުރާނަމަ މަގާމުތަކުގެ މެދުގައި މުސާރައިގެ އޮތް ފަރަގު ކުޑަ ކުރަން ޖެހެއެވެ. ހަމަހަމަ ކުރަން ޖެހެއެވެ.

""އެއީ މާބޮޑު ތަފާތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ކައުންސިލްގެ ރައީސުންނާއި މެންބަރުންގެ މުސާރާގައިވާ ފަރަގަށް އިޝާރަތް ކުރައްވާ އަފީފް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުވެސް ކައުންސިލަރުންގެ މުސާރައަށް ގެންނަން ކޮމެޓީން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަހީދުގެ ކަންބޮޑުވުން އޮތީ ސިޓީ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ މުސާރާގައިވާ ތަފާތަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލަރުންނަކީ މުޅި އަތޮޅު އެންމެންގެ ވޯޓުން ހޮވޭ ބަޔަކަށްވާއިރު، އަދި މުޅި އަތޮޅަށް ދަތުރު ކުރަންޖެހޭ މީހަކަށްވާއިރު، ސިޓީއެއްގެ ވަކި ދާއިރާއަކުން ހޮވޭ މީހަކަށްވުރެ އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަވުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

އާންމުންގެ ކަންބޮޑުވުން އެހެން ކަމަކަށް

ކައުންސިލަރުންގެ މުސާރައާ ކުޅުމަކީ ސިޔާސީ ކަމެކެވެ. މިފަހަރުގެ އިންތިހާބުން ބޮޑު ދެ ޕާޓީންވެސް ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އެމްޑީޕީން 400 ގޮނޑި ހޯދި އިރު ޕީޕީއެމުން 325 ގޮނޑި ހޯދިއެވެ. އެހެން ކަމުން ކައުންސިލަރުންގެ މުސާރައަށް ހިތުހުރިހާ ގޮތެއް ހަދަން މަޖިލީހުން ފަސް ޖެހޭނެ އެވެ. ރައްޔިތުންގެ ހިޔާލު އެކަމުގައި ކިތަންމެ ތަފާތު ވީނަމަހެވެ.

ކޮމެޓީގައި ކުރެވުނު ބަހުސްތަކަށް ބަލާއިރު އަދި މަޖިލީހުގެ ބައެއް މެންބަރުންގެ ޝުއޫރުތައް ހުރި ގޮތަށް ބަލާނަމަ ޕޭ ކޮމިޝަނުން ފޮނުވާފައިވާ މުސާރާއާމެދު އެ މެންބަރުންގެ ކަންބޮޑުވުން އެެބައޮތެވެ. އަދި ކައުންސިލަރުންގެ އެކި މަގާމުތަކުގެ މުސާރާގައި ހުރި ތަފާތު އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

ކައުންސިލަރުންގެ މުސާރައަށް ގެންނަން ނިންމި އާ ބަދަލާއެކު އާންމުންގެ ޝަކުވާތައްވެސް ބަންޑުން ކޮށްލިއެވެ. މުޅި ސޯޝަލް މީޑިއާގައި އިއްޔެ އޮތީ އެ ވާހަކަ އެވެ. ބައެއް އާންމުންގެ ނަޒަރުގައި ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. އެއީ ސިޔާސީ ނިންމުމެކެވެ.

"ރަނގަޅު ނިންމުމެއް. ކައުންސިލަރުން އެއީ ވަރަށް ބުރަކޮށް އުޅެން ޖެހޭ ބައެއް. ޕާޓީ ކުރިއެރުވުމާއި ޕާޓީގެ ވެރިން ރަށަށް ވަޑައިގަންނަވާ ދުވަސް ދުވަަހު ކުރާނެ ލައްކަ މަަސައްކަތް އޮންނާނެ. އެހެން ނޫނީ ދެން އޮންނާނީ މަހަށް ދިއުމާއި ޕާޓީ ޖަގަހާގައި ޒުވާބު ކުުރުން. އެހެންވީމަ ރަނގަޅު މުސާރައެއް ދޭންވާނެތާ،" މީހަކު ފޭސްބުކްގައި ލިޔެފައި އޮތެވެ.

އަނެއް ބަޔަކު އެކަން ގުޅުވީ ޕްރޮފެޝަނަލް ވަޒީފާތަކުގައި ތިބި މީހުންގެ މުސާރައާއެވެ. ޓީޗަރުންނަށް މަހަކު 10،000 ރުފިޔާވެސް ދޭން ބޮޑު ކަމަށެވެ. ސިވިލްސާވިސް މުވައްޒިފުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ގެއަށް ގެންދަން 6،000 ރުފިޔާވެސް ނުލިބޭ މީހުން ކަމަށެވެ.

އެހެންވީމަ ކިޔަވައިގެން ގައުމު ބިނާ ކުރުމުގެ މުހިންމު ވަޒީފާތައް އަދާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް އެ މީހުން ދެކެއެވެ. ކުރަންވީ ކަމަކީ އެންމެންވެސް ސިޔާސީ މީހުންނަށްވާންވީ ކަމަށެވެ.

"ޓީޗަރެއްގެ ވަޒީފާގައި މި އުޅެނީ މޮޔަކަމުން ކަމަށް މިހާރު ގަބޫލުކޮށްފިން. މިކަން ހުއްޓާލާފައި އަހަރެމެންވެސް ދާންވީ ސިޔާސީ މަގާމަކަށް،" އެހެން މީހަކު ޓްވިޓާގައި ލިޔެފައި އޮތެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ރާއްޖެއަށް ވަރަށް މުހިންމެވެ. ތައުލީމީ ގާބިލް ޓީމެއް ކައުންސިލްތަކުގެ ވެރިންގެ ގޮތުގައި ތިބުން އިންތިހާ ބޭނުމެވެ. އެކަން އެ މަގުން ހިނގައިގެން ނޫނީ ލާމަރުކަޒު ކުރުމުގެ ހަގީގީ ފޮނި ނަތީޖާ ލިބޭކަށް ނެތެވެ. އެކަން ކުރަން ހެޔޮވަރު މުސާރަތަކެއްވެސް ކަނޑައަޅަން ޖެހެއެވެ. ތައުލީމީ ގާބިލް މީހުން އެ މަގާމުތަކަށް ކުރިމަތިލާނީވެސް އޭރުންނެވެ.

ނަމަވެސް ރާއްޖޭގައި އަދި ކަންކަން ހުރީ އެގޮތަށް ނޫންކަން ނިމިގެންދިޔަ އިންތިހާބުންވެސް ސާފެވެ. ތައުލީމީ ގާބިލް ކެންޑިޑޭޓްގެ ބަދަލުގައި ގިނަ މީހުންގެ އިހުތިޔާރަކަށްވީ ތާއީދު ކުރާ ޕާޓީގެ ކެންޑިޑޭޓެވެ. އެކަމުގެ ސާފު މިސާލުތައް ކޮންމެ ރަށަކުން އެ އޮތީ ފެންނާށެވެ. އެހެންވީމަ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން ފާޑުކިޔުމުގެ މާބޮޑު ބޭނުމެއް ނެތެވެ. މަހަށް ގޮސް، ދަނޑަށް ގޮސް، ރުއް އަޅާ ކައުންސިލަރުންނަށް ވިހި، ބާވީސް ހާސް ރުފިޔާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ބުނާނަމަ ތައުލީމީ ގާބިލް މީހުންނަށް ވޯޓްދޭން ކެރެންވެސް ވާނެ އެވެ. ތިމާ ތާއީދު ކުރާ ޕާޓީގެ މީހާއަށްވުރެ ރަށާއި މުޖްތަމައުއަށް ހިދުމަތް ކުރާނެ ކެންޑިޑޭޓަށް ވޯޓްދޭން ޖެހެއެވެ.

ކައުންސިލަރުންގެ މުސާރައަށް ގެންނަ ބަދަލާމެދު މަޖިލީހާއި އާންމުންގެ މެދުގައިވެސް ކަންބޮޑުވުން އޮތްއިރު މާލިއްޔަތު ކޮމެޓީގެ ނިންމުން ތަޅުމަށް ހުށައަޅާ ފާސްކުރަން ޖެހެއެވެ. ތަޅުމުން ގޮތެއް ނިންމުމުގެ ކުރީން މެންބަރުންނާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރަން ޖެހެެއެވެ. އަދި އެންމެ ރަނގަޅު ގޮތަކަށް ނިންމަން ޖެހެއެވެ.