ބޯހިޔާވަހިކަން

ވިނަރެސް ފްލެޓްތައް 2022 ގައި ނިމޭނެ

"ވިނަރެސް" މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް 2022 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ބިމުގައި ވިނަރެސް ފްލެޓްތައް އަޅާއިރު 10 ޓަވަރު އަޅަ އެވެ. އެ މަޝްރޫއުގެ މަސައްކަތް 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ނިންމާނެ އެވެ. އެޗްޑީސީން ބުނާ ގޮތުގައި މަޝްރޫއުގެ 42 ޕަސެންޓް މަސައްކަތް މިހާރު ވެސް ވަނީ ނިމިފަ އެވެ.

މި ޓަވަރުތަކުގައި ޖުމްލަ 1344 އެޕާޓްމެންޓާއެކު ހަތަރު ވައްތަރެއްގެ އެޕާޓްމެންޓް ހުންނާނެ އެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެވެ. ސްޓޭންޑަޑް ވިއު ގައި ހުންނާނީ 883 އަކަފޫޓުގެ އެޕާޓްމެންޓްތަކެކެވެ. ދެން ހުރި އެޕާޓްމެންޓްތަކުގައި 902 އަކަ ފުޓޫ ހުންނާނެ އެވެ. ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.

މެރީނާ ވިއުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އަގަކީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.6 މިލިއަން ރުފިޔާގަ އެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނޭއިރު މި ޔުނިޓްތަކުގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާގަ އެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު ހުރިހާ އެޕާޓްމެންޓެއްގެ ލިވިން ރޫމާއި ފާހާނާތަކުގައި ހުންނާނީ ތަށިމުށި ޖަހާފައި ކަމަށެވެ. ހުރިހާ ބަދިގެއެއްގައި ކަބަޑުސެޓު ހަރުކޮށްފައި ހުންނާނެ ކަމަށާއި ލިވިން ރޫމް އަދި ހުރިހާ ކޮޓަރިއެއްގައި އޭސީ ހުންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް އެޕާޓްމެންޓްތަކުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން މި ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.

ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފަންނީ ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުން މި މަޝްރޫއުގެ ފްލެޓްތަކަށް ބަދަލުކުރުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ ހުޅުވައިލާފަ އެވެ. ފަންނީ ކެޓެގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ މީހުންނެވެ. ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި ވިނަރެސް މަޝްރޫއުގައި ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ބޯހިޔާވަހިކަން ހޯދައިދިނުގެ ބޭނުމުގަ އެވެ.