ރޯދަމަހާ ދިމާކޮށް ހައިކޯޓުގައި ބޭއްވި ގުރުއާން މުބާރާތުގައި މުވައްޒަފުންނާއި ފަނޑިޔާރުން ބައިވެރިވެއްޖެ އެވެ.
ހައިކޯޓު މުވައްޒަފުންނަށް އަމާޒުކޮށްގެން ހޮނިހިރު ދުވަހު ބޭއްވި މި ގުރުއާން މުބާރާތުގައި ޖުމްލަ 12 މުވައްޒަފެއް ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ތިން ފަނޑިޔާރެއް ވެސް ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތުގައި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑީޔާރު ހުސެއިން ޝަހީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ހައިކޯޓު އުތުރު ގޮފި / ކުޅުދުއްފުށިން ވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.
މިއީ ރާއްޖޭގެ ކޯޓެއްގައި މުވައްޒަފުންނާއި ފަނޑީޔާރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ފުރަތަމަ ގުރުއާން މުބާރާތެވެ. އަދި ހައިކޯޓުގައި ބޭއްވި ފުރަތަމަ މުބާރާތް ކަމަށް ވެސް އެކޯޓުން ބުނެ އެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގާރީ އިން ކަމަށްވާ މޫސާ އަހްމަދު އަދި އައިޝަތު މަރީނާ އެވެ. ހައިކޯޓުން ބުނީ މުބާރާތުގެ ނަތީޖާ ވަރަށް އަވަހަށް ފާޅުކުރާނެ ކަމަށެވެ.
ހައިކޯޓުން ބުނީ ވޭތުވެދިޔަ ތިން އަހަރު އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ކޯޓުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޯދަމަހު ދަރުސް ވެސް ދޭ ކަމަށެވެ. މިއަރުވެސް ކޮންމެ ބުރާސްފަތި ދުވަހަކު ދަރުސް ދޭ ކަމަށް ބުނެ އެވެ. އަދި މިއަހަރު ފެށި ގުރުއާން މުބާރާތް ކޮންމެ އަހަރަކު ބާއްވާނެ ކަމަށް ބުނެ އެވެ.