އިންޑިއާގައި ކޮވިޑްގެ ހާލަތު މިހާ ގޯސްވެގެން މިއުޅެނީ އިލެކްޝަން ކޮމިޝަން ހިންގަން ތިބި ބައެއްގެ ކޮށި ވިސްނުމުގެ ސަބަބުން ކަމަށް މަޑްރާސް ހައި ކޯޓުން ބުނެފި އެވެ. ހައި ކޯޓުން ބުނީ އިލެކްޝަން ކޮމިޝަނުން ފުރިހަަ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި ހާލަތު މިހާ ގޯސްވެގެން ދިއައިރު އެބޭފުޅުން ތިއްބެވީ ހަމަބިމުގައި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އިންޑިއާއާ މެދު މީގެ ދުވަސްކޮޅެއް ކުރިން ބެލެވިފައި އޮތީ އުންމީދީ ގައުމެއް ގޮތުގަ އެވެ. ކޮވިޑް ހަމައަކަށް އެޅެމުންއައި ކަމުގެ ނިޝާންތައް ފެންނަމުން ދިއަ އެވެ. އެހެން ނަމަވެސް މިދާކަށް ދުވަހު ހަތަރު ސްޓޭޓް - އައްސާމް އާއި ކެރެލާ، ޓަމިލް ނާޑޫ އަދި ވެސްޓް ބެންގަލް ގައި ބޭއްވި އެސެމްބްލީ އިލެކްޝަނަށް ފަހު މިހާރު އިންޑިއާގައި ކޮވިޑް ހާލަތު ވަނީ ހީކުރެވިފައި ވެސް ނެތްވަރުގެ ބިރުވެރި ކަމެއްގަ އެވެ.
މަޑްރާސް ހައި ކޯޓުން ބުނީ ގައުމުގައި ކޮވިޑް އުތުރިއަރަމުން ދިއައިރު އިލެކްޝަން ކޮމިޝަނުން ކުރިކަމެއް އެނގެންޖެހޭ ކަމަށެވެ. ގިނަ ބޭފުޅުން އުޅުއްވީ ދުނިޔެއިން ބޭރު ހަވާގައިތޯ ވެސް ސުވާލުކޮށްފައި ވެއެވެ. ޕާޓީތައް ކެމްޕޭން ކުރަމުން ރެލީތައް ބާއްވަމުން ދިއައިރު އަމަލު ކުރަން އެއްވެސް ގަވާއިދެއް އިލެކްޝަން ކޮމިޝަނަށް ދެއްކިފައި ނުވާ ކަމަށާއި ހާލަތު މި ދަރަޖައަށް ވައްޓާލިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އިލެކްޝަން ކޮމިޝަނުން ކަމަށެވެ.
ހައި ކޯޓުން މިހާރު އިލެކްޝަން ކޮމިޝަނަށް އަންގާފައި ވަނީ މެއި ދޭއްގައި ވޯޓުގެ ނަތީޖާ އާންމު ކުރާއިރު އަމަލު ކުރަން ގޮތެއް ކަނޑައަޅައި ލިޔުމުން ކޯޓަށް ހުށަހެޅުމަށެވެ. އަދި ކޯޓުން ފާސް ކޮށްގެން ނޫން ގޮތަކަށް ވޯޓު ގުނަން ވެސް ހުއްދަ ނުދޭނެ ކަމަށް ވަނީ އަންގާފަ އެވެ.
ކޮވިޑް ހާލަތަށް ރިއާޔަތްކޮށް އިލެކްޝަން ކޮމިޝަނުން ނިންމާ ގޮތް އެޕްރީލް 30 ހުގެ ކުރިން ހައި ކޯޓަށް ހުށަނާޅައިފި ނަމަ އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ވަނީ އަންގާފަ އެވެ.