ރޯދަ މަސް

ތައުބާވުމާއި ފާފަ ފުއްސެވުމުގެ މައްސަރު

ރަމަޟާންމަހާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެމަހުގެ ފުރަތަމަ ދިހައަކީ ރަޙުމަތް ލެއްވުމުގެ ދިހައެއް ކަމާއި، ދެވަނަ ދިހައަކީ ފާފަ ފުއްސެވުމުގެ ދިހައެއް ކަމާއި އަދި ފަހު ދިހައަކީ ނަރަކައިން މުއްތި ކުރެއްވުމުގެ ދިހަ ދުވަސްކަމުގައި ބުނެވެއެވެ. ނަމަވެސް މި މާނައިގައި އައިސްފައިވާ ރިވާޔަތްތަކަކީ ޞައްޙަ ރިވާޔަތްތަކެއް ނޫނެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް އެންގެން ހުރި ބަސްފުޅުތަކަށް ބަލާއިރު، ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނޭ ކަމުގައިވެއެވެ. އަދި މި މައްސަރަކީ ރަޙުމަތާއި ފާފަ ފުއްސެވުމުގެ މައްސަރެވެ. އެއީ މުޅި މައްސަރުގައިވެސް އެކަން އޮތް ގޮތެވެ. ރަމަޟާންމަހާ ބައްދަލުވެ އެ މައްސަރުގައި ހެޔޮ ޢަމަލު ކުރުމުގެ ފުރުޞަޠު ލިބިމެ، އެފުރުސަތު ނަގައިލައިފި މީހާއަށްވުރެ އަބާންޖަވެރިކަންބޮޑު މީހަކު ނުވާކަމުގައިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

މިގޮތުން ބަލާއިރު، ރަމަޟާންމަހުގެ ދުވާލާއި ރޭގަނޑަކީވެސް ރަޙުމަތާއި ފާފަ ފުއްސެވުމުން ފުރިގެންވާ ވަގުތުތަކެކެވެ. މި މައްސަރަކީ ތައުބާވެ ޢަމަލުތައް އިޞްލާޙު ކުރުމަށް އެދޭ މީހަކަށް އޮތް ރަނުގެ ފުރުސަތެކެވެ. މާތް ﷲ ގެ ރަހުމަތުގެ ތަނަސްވަކަމާއި، އަޅުތަކުންނަށް އެއިލާހުގެ އޯގާވަންތަކަން ހާމަވެގެންދާ އެއްކަމަކީ، ތެދުވެރި ތައުބާއަކުން ތައުބާވެއްޖެ މީހެއްގެ ފާފަތައް ފުއްސަވައިދެއްވާނޭ ކަމަށް ވަޢުދުވެވޮޑިގެންފައި ވުމެވެ.

އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ﴾ (التحريم 8) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚުލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ."

އަޅަކު ތައުބާ ވުމަކީ، ﷲ ވަތަޢާލާގެ ޙަޟަރަތުގައި ނުހަނު ލޮބުވެތިކަން ބޮޑު ޢަމަލެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގައިވެއެވެ. އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގަންދީ ވިދާޅުވަމެވެ. ތިޔައިގެ ތެރެއިން މީހަކު، ހާމަ ސަހަރާއެއްގައި ދަތުރުކޮށްފައި ދަނިކޮށް، އޭނާގެ ސަވާރީން އޭނާ ވެއްޓޭހިނދު، އެ ސަވާރީ ދުވެ ދިޔުމުން، އެ ސަހަރާގައި ދާނެ ދިމާއެއް ނޭނގިފައިވަނިކޮށް، އޭނާގެ ސަވާރީ ލިބުމުން އޭނާ އުފާވާ ވަރަށްވުރެ ބޮޑަށް، ﷲ ގެ އަޅާ ތައުބާވުމުން، އެކަމުގައްޗަށް އެއިލާހު އުވާވެވޮޑިގަންނާވާލެ މާ ބޮޑެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު މުސްލިމް)

މިޙަދީޘްގެ އެހެން ރިވާޔަތެއްގައިވެއެވެ. "އަޅަކު ތައުބާވުމުން އެކަމުގެ މައްޗަށް ﷲ، އުފާވެވޮޑިގަންނަވާލެ ބޮޑު މިންވަރަކީ، ތިޔައިގެ ތެރެއިން މީހަކު، އޭނަގެ ޖަމަލަށް ސަވާރުވެ، ހާމަ ސަހަރާއެއްގައި ދަތުރުކޮށްފައި ދަނިކޮށް، އެ ސަވާރީ އޭނާއަށް ގެއްލިދެއެވެ. އޭނާގެ ކާބޯތަކެތިވެސް ވަނީ، އެ ސަވާރީގައެވެ. ފަހެ، އޭނަ، އެކަމުގެ މައްޗަށް ނާއުއްމީދުވެ، މާޔޫސްވެފައިވާ ހާލު، ގަހެއްގެ ހިޔަލަށް އައިސް އޮށޯވެލައެވެ. އޭނާ ވަނީ އޭނާގެ އެ ސަވާރީ ލިބިދާނެކަމުގެ އުއްމީދުކެނޑި މާޔޫސްވެފައެވެ. އޭނާ އެ ހާލުގައި ވަނިކޮށް، ކުއްލިއަކަށް ފެންނަނީ، އޭނާގެ ސަވާރީ، އޭނަގެ ކައިރީގައި އައިސް އޮއްވައެވެ. ފަހެ، އޭނާ އޭގެ ލަގަނުގައި ހިފައެވެ. ދެން، އޭނާއަށް ލިބިފައިވާ އުފަލުގެ ބޮޑުކަމުން ދޫ އޮޅިގެން ބުނެވެއެވެ. "އޭ ﷲ އެވެ! ތިބާއީ އަހަރެންގެ އަޅާއެވެ. އަހުރެންނީ، ތިބާގެ ރައްބެވެ.

(މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.) އޭނާ ވެފައިވާ އުފަލުގެ ބޮޑުކަމުން (ﷲއަށް ޙަމްދުކޮށް ޝުކުރު ކުރުމުގައި ދޫއޮޅިގެން) އޭނާއަށް ނުބައިކޮށް ކިޔުނީއެވެ." (އެބަހީ: އެމީހާ ވެފައިވާ އުފަލުގެ ބޮޑުކަމުން މާތް ﷲ އަށް ޙަމްދު ކުރުމުގައި ދޫއޮޅޭ ވަރަށް އުފާވާ މީހަކަށްވުރެންވެސް ބޮޑަށް، އަޅަކު ތައުބާވުމުން، ކީރިތި ﷲ އެކަމަށް ރުހިވޮޑިގެން އުވާވެވޮޑިގަންނަވައެވެ.) މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ.

ވީމާ، ކޮންމެ މުސްލިމަކުމެ، ތައުބާވުމުގެ މުހިންމުކަން ދަނެގަނެ، ފާފައިގެ ނުބައިކަމުން ސަލާމަތް ކޮށްދިނުމުގައި ތައުބާވުމުގެ ދައުރު ހަނދާންކޮށް، ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން މާތް ﷲ އަށް ތައުބާން ޖެހެއެވެ. ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނޭ މީހެކެވެ. ނަމަވެސް އެމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ކުށެއް ކުރެވުމުން ލަސްނުކޮށް ތައުބާވެ އިޞްލާޙުވާ މީހާއެވެ.

ތައުބާ ވުމަކީ، ކުށްފާފަ ކުރުން މުޅިން އެކުގައި ހުއްޓާލައި، ފާފަތަކަށް އަރައި ނުގަތުމަށް ނިޔަތްގަނެ، މީހެއްގެ ޢަބަރަށް ނުވަތަ މުދަލަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤު ކަނޑައި، މާތް ﷲ ގެ ޙަޟުރަތުގައި ފާފަ ފުއްސެވުންއެދި ދެންނެވުމެވެ. ތަބާވުމަށް، ރަމަޟާންމަހަކީ އެންމެ ހެޔޮވެގެންވާ ވަގުތެވެ. މާތް ﷲ އީ، ގިނަގިނައިން ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހުއީ އަޅުތަކުންގެ ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާ އިލާހެވެ.