ދުނިޔެ

އެމެރިކާ އެދޭހާ ކަމަކަށް އެއްބަހެއް ނުވެވޭނެ: ސައުދީ

ސައޫދީގެ ސްޓްރެޓެޖިކް ބައިވެރިއެއް ގޮތުގައި އެމެރިކާ ދެމި އޮތުމަކީ އެދެވޭ މުހިންމު ކަމެއް ކަމަށާއި ރައީސް ޖޯ ބައިޑަންގެ ޒައާމަތުގައި އެމެރިކާ ސަރުކާރު ހިންގެވުމަށް ކަނޑައަޅުއްވާފައި ހުރި ޕޮލިސީތަކުގައި ސައޫދީއަށް އެއްގަލަކަށް އެރެން ނެތީ ގާތްގަނޑަކަށް 10 ޕަސެންޓަށް ކަމަށް ވަލީއަހުދު މުހައްމަންދު ބިން ސަލްމާން ވިދާޅު ވެއްޖެ އެވެ.

"ބައިޑަންގެ 90 ޕަސެންޓް ސިޔާސަތަށް އަޅުގަނޑުމެނަށް ރުހެވިދާނެ،" ސައޫދީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަލީއަހުދު ވިދާޅުވި އެވެ. "ދެން ހުރި ހިލާފުތަކާ މެދު ވެސް މަޝްވަރާ ކުރެވި ދާނެ. އެކަމަކު ހުރިހާ ކަމެއްގައެއް ނޫން" ވަލީއަހުދު ވިދާޅުވީ އެމެރިކާއާއެކު ގުޅުން ރަނގަޅު ކުރުމަކީ ސައޫދީން ވެސް އެދޭ ކަމެއް ކަމަށެވެ.

ސައޫދީއަކީ މެދުއިރުމަތީގައި އެމެރިކާއަށް ވަރަށް މުހިންމު ވިޔަފާރި ބައިވެރި އެކެވެ. ސައޫދީން ފެށުނީއްސުރެ އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވަ އެވެ. އެމެރިކާގެ ހަޔާތުގައި ހުރިހާ ރައީސުންނާއެކު ވެސް ހަރުދަނާ ގުޅުމެއްގައި ދެމި އޮވެ އެވެ. އެހެން ނަމަވެސް އެމެރިކާގެ ކުރީގެ ރައިސް ޓްރަމްޕް ސަރުކާރާއެކު ސައޫދީން ހާއްސަކޮށް ވަލީއަހުދު ވަރަށް ގާތް ގުޅުމެއް ބޭއްވެވި އެވެ.

ދުނިޔޭގައި އެންމެ ގިނައިން ސާފު ނުކުރާ ތެޔޮ އެކްސްޕޯޓްކުރާ ގައުމަކީ ވެސް ސައޫދީ އަރަބިއްޔާ އެވެ. އެހެން ނަމަވެސް ވަލީއަހުދު މިހާރު މަސައްކަތް ކުރައްވަނީ ތިމާވެއްޓާ ރައްޓެހި ގައުމަކަށް ސައޫދީ ބަދަލު ކުރެއްވުމަށެވެ. އެގޮތުން މޫސުމީ ހެޔޮ ބަދަލުތަކަށް ސައޫދީން އަންނަނީ އިންވެސްޓް ކުރަމުންނެވެ.

މުހަންމަދު ބިން ސަލްމާން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އަފްޣާނިސްތާނުްގައި ތިބި އެމެރިކާ ސިފައިން ބާލާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލި ނަމަވެސް މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ އެވެ. އަނެއް ކޮޅުން މެދުއިރުމަތީގައި އެމެރިކާ ސިފައި ތިބޭ ތިބުމަށް ވެސް ބަދަލެއް ނާންނާނެ އެވެ.

އެމެރިކާއިން ކުރިން ބުނި ގޮތުން ސައޫދީ ފިޔަވައި އަދި އިތުރު އެހެން ގައުމެއްގައި އެމެރިކާއިން އަސްކަރީ މަރުކަޒުތައް ހަދަން ޖެހެ އެވެ. މާނައަކީ ހިޔާލު ތަފާތުމުވެއްގައި ސައޫދީން ފައިބާން ޖެހުނު ނަމަވެސް ސިފައިން މެދުއިރުމަތީގައި ތިބޭނެ ތަނެއް، ގައުމެއް ހޯދުން މުހިންުމު ވެއްޖެ ކަމެވެ. އެމެރިކާގެ ވިސްނުން ހުރީ ގަތަރުގައި މަރުކަޒު ކުރުމަށެވެ. މިކަމުގައި ސައޫދީއާ ގަތަރާ މަޝްވަރާ ކުރެ އެވެ.