ގަރާޖެއް ނެތި ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކޮށްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ނިންމި ނިންމުމަކީ މިވަގުތަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.
އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނިންމުމާ ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކުރައްވައިފަ އެވެ.
އެމްޑީޕީގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެ އިސްލާހުގެ ސަބަބުން އެތައް ޒަމާންތަކެއް ވަންދެން އެއް ގަރާޖަކަށް އެތައް ވެހިކަލްތަކެއް ގާނޫނާ ހިލާފަށް ރަޖިސްޓްރީ ކޮށްގެން ކުރަމުންދިޔަ ވިޔަފާރިއަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި 30،000 ރުފިޔާއިން ފެށި ގަރާޖު ސިޓީގެ ވިޔަފާރި 70،000 ރުފިޔާއިން އިން މައްޗަށް އަރައިގެން ގޮސްފައިވުމާއެކު އަލަަށް ހުށަހެޅި އިސްލާހާއެކު އެކަން ހަމަ މަަގަށް އެޅިގެންދާނެ ކަމަށެވެ.
އާ އިސްލާހާއެކު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ވެހިކަލް ކޯޓާ އާއި ކެރިން ކެޕޭސިޓީ ކަނޑައެޅިގެން ދާނެ އެވެ. އަދި މަގުމަތީގައި ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަދާ ގަވައިދެއްގެ ދަށުން މަގުމަތީގައި ޕާކް ކުރުމުގެ ސްޓިކާއެއް ނެގޭނެ އެވެ. އޭގެ ސަބަބުން ކަމާ ގުޅޭ މިނިސްޓްރީއާއި ކައުންސިލްތަކުން ރަޖިސްޓްރޭޝަން ފީއެއް ނަގައި ދައުލަތަށް އާމްދަނީ ލިބިގެންދާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
" ...ބޮޑު އަގުގައި ނަހަމަގޮތުގައި ގަންނަ ގަރާޖު ސިޓީ ހޯދައިގެން ކުރާ ރަޖިސްޓްރޭޝަންއަށް ނިމުމެއް އަންނާނެ. އެހެންވީ މީގެ ސަބަބުން އާންމު ރައްޔިތު މީހާއަށްވެސް ސަރުކާރަށްވެސް އަދި މި ދެންނެވި ގާނޫނާ ހިލާފަށް އަމަލުކުރުމަށް ވެސް ހުއްޓުމެއް އަންނާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އެ އިސްލާހަށް ތާއިދުކުރެއްވި އެމްޑީޕީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ގަރާޖު ސިޓީގެ މައްސަލައަކީ ވަރަށް ޒަމާންވީ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރަން މީގެ ކުރީން ކުރި މަސައްކަތުން އެއްވެސް ހައްލެއް ފެނިފައި ނުވާ ކަމަށެވެ. ގަރާޖު ސިޓީން އެތައް ބަޔަކު ނާޖާއިޒު ފައިދާ ނަގަމުންދާއިރު މިހާރު ހާލަތު އޮތް އޮތް ގޮތުން އެންމެ ރަނގަޅު ގޮތަކީ ގަރާޖެއް ނެތި ރަޖިސްޓްރީ ކޮށްދޭން ނިންމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ނެތް ގަރާޖަށް ރަޖިސްޓްރީކޮށްގެން ބަހައްޓާއިރުގައި ދައުލަަތަށް ލިބޭ އެއްވެސް އެއްޗެއް ނެތީމާ އިސްލާހު ހުށަހެޅިފައިފައި މިއޮތީ ހުއްދަ ދޭ ވަކި އިދާރާއަކުން ސިޓީ ކައުންސިލުންވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީން އެކަމާ ގުޅޭ އުސޫލުތައް ކަނޑައެޅި ޕާކިން ސްޓިކާއެއް އޭގެ އަގު އިދާރާއަކުން ކަނޑައަޅައި އޭގެ ފަހުގައި މަގުތަކުން ޖާގަލިބޭ ހިސާބަކުން ލޮކޭޝަނަކުން ހުއްދަ ދެވުނީމާ އެއީ އެ ވެހިކަލަކަަށް ދެވޭ ޖާގަ ކަމުގައި ކަނޑައެޅިގެން ދަނީ. މިހެން ކަންތައްވީމާ މިހާރު މި ގަރާޖުތަކަށް ހޭދަކުރެވޭ ފައިސާ ދައުލަތަށް ވަދެވޭ އުސޫލެއް މި ކަނޑައެޅެނީ،" ޝާހިދު ވިދާޅުވި އެވެ.
މިއަދުގެ ބަހުސްގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ގަރާޖު ސިޓީން ހިންގާ ނަޖާއިޒު ވިޔަފާރި ނުވާ ކަމަކަަށް ހަދައި ލޯ މަރައިގެން ތިބޭނީތޯ ނުވަތަ އެ ބޮޑު ކުރަޕްޝަން ހުއްޓުވަން ނިކުންނަނީތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވެހިކަލްތައް މަގުމަތީގައި އިންތިޒާމްކުރެވި ތަރުތީބު ކުރެވިގެން ދާކަށް ގަރާޖް ސިޓީއަކީ ހައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ
އޭގެ ހައްލު އޮތީ ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކުގެ އަތްމަތީގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރަށަކަށް ނުވަތަ ސިޓީއަކަށް ވެހިކަލެއް ގެނެވޭނީ އެރަށަކަށް ވެހިކަލްގެ ކެޕޭސިޓީ ކަނޑައަޅައި ކެރިން ކެޕޭސިޓީން ކަނޑައަޅާފައިވާ އަދަދަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.