ދުނިޔެ

އައްބާސް ފަލަސްތީން އިންތިހާބު ފަސްކުރައްވައިފި

ފަލަސްތީންގައި އަންނަ މޭމަހު 22 ގައި ބާއްވަން ހަމަޖެއްސި ގާނޫނުހަދާ މަޖިލީހުގެ އިންތިހާބު ރައީސް މަހްމޫދު އައްބާސް ފަސް ކުރައްވައިފި އެވެ. އިންތިހާބު ފަސްކުރީ ހިފާފައިވާ އިރުމަތީ ޖެރޫސަލަމްގައި އިންތިހާބު ބާއްވަން އިޒްރޭލުން ހުއްދަނުދިނުމުންނެވެ. އައްބާސް ވިދާޅުވީ ޖެރޫސަލަމް އުނިކޮށް އިންތިހާބު ނުބާއްވަވާނެ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުން ޖެރޫސަލަމްގައި އިންތިހާބު ބޭއްވުމަށް އިޒްރޭލުގެ ކިބަައިން އެދުނު އެދުމަށް ޖަވާބެއްދީފައެއް ނުވެ އެވެ. ސަބަބެއް ކަމަށް އައްބާސް ވިދާޅުވީ އެވަރުގެ ކަމެއް ކުރެވޭ ވަރުގެ ސަރުކާރެއް އިޒްރޭލްގައި މިވަގު ގާއިމުވެފައި ނެތް ކަމަށެވެ. އައްބާސް ވިދާޅުވީ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއަށް އަންގަވާފައިވާނެ ކަމަށެވެ.

ޖެރޫސަލަމްގައި އިންތިހާބު ބާއްވަން އުޅެފި ނަމަ ސެންޓްރަލް އިލެކްޝަން ކޮމިޝަންގެ ޗެއާމަން ހަންނާ ނާސިރު ހައްޔަރުކުރާނެ ކަމަށް އިޒްރޭރުން އަންގާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވި ގޮތުން ދެން އިންތިހާބު ބޭއްވޭނީ އިޒްރޭލުން ހުއްދަދިނުމުންނެވެ.

ފަލަސްތީންގައި ގާނޫން ހަދާ މަޖިލިސްގެ އިންތިހާބު ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މެއި 22 ގަ އެވެ. އަދި ރިޔާސީ އިންތިހާބު ޖުލައި 31 ގަ އެވެ.