ދުނިޔެ

ޕޫޓިން މިއަދު އައްބާސްއާ ބައްދަލު ކުރައްވަނީ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މިއަދު ފަލަސްތީންގެ ރައިސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާނެ އެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނާ ގޮތުން ދެ ރައީސުންގެ މަޝްވަރާގެ ލިސްޓްގައި އޮތީ މެދުއިރުމަތީގެ މަސްލަހަތާ ބެހޭ މައުލޫތަކެވެ.

ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި އައްބާސްގެ ޝަރަފުގައި ބާއްވާ ބައްދަލުވުން އޮންނާނީ ރަޝިއާގެ ރިސޯޓް ސިޓީ، ސޮޗީގަ އެވެ. އަދި މަޝްވަރާތައް އޮންނާނީ ވެސް ރިސޯޓްގަ އެވެ.

ރަޝިއާއާ އިޒްރޭލަކީ ވަރަށް ގާތް ދެ ގައުމެވެ. ރަޝިއާގެ ވަރަށް ގިނަ އާންމުން އިޒްރޭލުގައި ދިރިއުޅެ އެވެ. އަނެއްކޮޅުން މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރަން ވަކާލާތު ކުރުމުގައި ރަޝިއާގެ އަޑު ގަަދަ އެވެ. ޖަރުމަނެކޭ އެއްގޮތަށް ރަޝިއާއިން ވެސް ބުރަ ވަނީ މެދުއިރުމަތި ސުލްހަ ކުރުމަށް އޮތް އެންމެ ކުރުގޮތަކީ މިނިވަން ދެ ދައުލަތް ކަމަށެވެ.

ޖަރުމަންގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި އިޒްރޭލަށް މިނިންވަން ކަމާއެކު މެދުއިރުމަތީގައި ދެމިއޮތުމަށް އެންމެ މުހިންމު އަސާސަކީ ދެ ދައުލަތަށް އެއްބަސްވުން ކަމަށެވެ. އެއީ ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުން ކަމަށެވެ.

ދުނިޔޭގެ ބާރުތަކަށް ދެ ދައުލާތާ މެދު ވަކި ގޮތެއް ނުނިންމިގެން އުޅެނީ އިޒްރޭލުން ބޮޑާހާކާ ވަރުންނެވެ. ޔަހޫދީ ބޯ ގުޑާފައި ތިބި ބަޔަކު ދުނިޔެ ވިހަކޮށްފާނެ ކަމަށް ބިރުންނެވެ. އަނެއްކޮޅުން އެމެރިކާއާ އިނގިރޭސިން ތިބީ އަރަބީންގެ ކަރަށް އަރައިގެން ނަމަވެސް އިޒްރޭލު ލޮއްސަން އެދިއެދި އެވެ.

ޕޫޓިންއާ އައްބާސް ބައްދަލު ކުރައްވާއިރު ގުދުސް އާއި ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުންނަށް ޔަހޫދީން ކުރާ އަނިޔާ ވަނީ އިތުރުވެފަ އެވެ. ޔަހޫދީންނަށް ފެނިއްޖެ ހިނދެއްގައި ހިތުހުރި ބަޔަކު ގެދޮރުން ބޭރުކޮށް ގެންނަނީ ބިމުގެ ގާނޫންތަކަށް ފުރައްސާރަ ކުރަމުންނެވެ.

ދެރައީސުންގެ ބައްދަލު ކުރެއްވުމުގަައި ރަޝިއާއިން ފަލަސްތީނަށް އެހީވުމާ މެދު ވެސް މަޝްވަރާ ކުރައްވާނެ އެވެ. އިގުދިތޯސީ ގޮތުން ފަލަސްތީން ކުރިއަރަން ޖެހޭނެ ކަމަށް ޕޫޓިން ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އިޒްރޭލުގެ ފިއްތުންތަކާ ހެދި ރަޝިއާ އެދޭ މިންވަރަށް ފަލަސްތީންގައި ހަރަކާތްތެރިވުން އުނދަގޫ ކަމަކަށް ވާނެ އެވެ.

ޕޫޓިންއާ އައްބާސް މިގެ ކުރިން ވެސް ވަނީ އެތައް ފަހަރަކު ބައްދަލު ކުރައްވާފަ އެވެ. ފަލަސްތީން މައްސަލައަކީ ދެ ރައީސުންގެ އެޖެންޑާގައި އަބަދު ވެސް އޮންނަ މައުލޫއެކެވެ.