ދުނިޔެ

ތެލުގެ އަގު ވެއްޓިގެން ބޮޑަށް ގެެެއްލުން ވާނީ ސައޫދީ އާއި ކުވައިތަށް، އީރާނަކަށް ނޫން: ރޫހާނީ

ބައިނަލްއަގުވާމީ ބާޒާރުުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާއިރު އަގު މައްޗަށް ޖެއްސުމަށް ސައޫދީ އަރަބިއްޔާ އިން އެއްވެސް ފިޔަވަޅެއް އަޅަން ދެކޮޅު ހަދާތީ އީރާނުން ސައޫދީ އަށް ބަހުުގެ ހަމަލާތަކެއް ދީފި އެވެ.

ތެޔޮ ފީފާއެއްގެ އަގު 45 ޑޮލަރަށް ދަށަށް ގޮސްފައި ވާއިރު، ތެޔޮ އުފައްދާ ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އޯޕެކުން ދަނީ ތެލުގެ ސަޕްލައި ދަށްކޮށްގެން އަގު މައްޗަށް ޖެއްސޭތޯ ބަލަމުންނެވެ. ނަމަވެސް އެ އިއްތިހާދުގެ އެންމެ މުހިންމު ގައުމު ކަމަށްވާ ސައޫދީން ދަނީ ސަޕްލައި ދަށްކުރުމަށް ދެކޮޅުހަދަމުންނެވެ. މި މައްސަލާގައި އެ އިއްތިހާދުގެ ގައުމުތަކުގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން އީރާންގެ ރައީސް ހަސަން ރޫހާނީ އިއްޔެ ވިދާޅުވީ ތެލުގެ އަގު ދަށްވެގެން އެންމެ ބޮޑަށް ގެއްލުން ވާނީ ސައޫދީ އާއި ކުވައިތަށް ކަަމަށެވެ. ރޫހާނީ ވިދާޅުވީ އީރާންގެ ބަޖެޓްގައި ތެލުގެ އާމްދަނީ އަކީ ތިން ބައިކުޅަ އެއް ބައި ކަމަށެވެ. އެކަމަކު ގަލްފުގެ ބައެއް ގައުމުތަކުގައި އާމްދަނީގެ 95 ޕަސެންޓު ބަރޯސާ ވެފައި ވަނީ ތެލަށް ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އިއްޔެ އީރާންގެ ބުޝެހެރްގައި ބޭއްވި އާންމު އެއްވުމެއްގައި ރޫހާނީ ވިދާޅުވީ ތެލުގެ އަގު ބަޔަކު ގަސްދުގައި ދަށަށް ގެންދަނީ ބައެއް ގައުމުތަކަށް ގެއްލުން ދިނުމަށް ކަމަށާއި އެކަން ކުރާ ގައުމުތައް ފަހުން އަދި ހިތާމަކުރާނެ ކަމަށެވެ. --އާރްޓީ