ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެސްޓްރާޒެނެކާގެ ވެކްސިން ޖޫން މަހު ލިބޭނެ

May 2, 2021
5

ރާއްޖެއިން އޯޑަރުކޮށްފައިވާ ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ކޮވިޑް 19ގެ ވެކްސިން ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ސިންގަޕޫރުން ވެކްސިން ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް ވެކްސިން ރާއްޖެއަށް ލިބޭނެ ވަކި ދުވަހެއް އަދި ރާއްޖެ ގެންނަނީ ކިތައް ޑޯޒް ކަމެއް ވެސް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.

"[އެސްޓްރާޒެނެކާގެ ވެކްސިން ލިބުމާއެކު] އަނެއްކާވެސް ހިތްހަމަޖެހިގެން ވެކްސިންގެ ޖެހުމުގެ ކަންކަން ބާރަށް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް އެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ.

އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނަކީ ފައިޒާ ވެކްސިނާ ތަފާތުކޮށް، އާންމު ފިނިހޫނުމިނެއްގައި ރައްކާކުރަން ފަސޭހަ ވެކްސިނެކެވެ.

ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އިންޑިއާގެ ކޮވިޝީލްޑްގެ އިތުރު ޑޯޒްތަކެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ރަޝިޔާއިން އުފައްދާފައިވާ ވެކްސިނަކާއި، ފައިޒާގެ އިތުރު ޑޯޒްތަކެއް ގަންނަން މަސައްކަތް ކުރަމުންދާ ކަން ވެސް ފާހަގަކުރެއްވި އެވެ. ރާއްޖެއަށް ދެން ގެންނަ ފައިޒާ ވެކްސިން ދޭނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރަސްމީކޮށް ދޭން ފެށީ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 228،000 އަށް ވުރެ ގިނަ މީހުން ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.