މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާކުރިކަމުގެ ތުހުމަތުވި ފުލުހުން މަސައްކަތުން އެކަހެރިކޮށްފި

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރާ ޖިންސީ ގޯނާ އާއި ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ރޭ ބޭއްވި އިހުތިޖާޖުތަކުގެ ބައިވެރިންނާއި ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރި ކަމުގެ ތުހުމަތު އޮތް ފުލުހުން މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ވަނީ ދުރުކޮށްފައި ކަމަަަަށެވެ.

އަދި މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަަށެވެ.

އިހުތިޖާޖުގައި ބައިވެރިވި އަންހެނަކު ހައްޔަރުކުރަން ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު ފުލުހުންގެ ޕްރޮފެޝަނަލް ކަމާ ދޭތެރޭ އެތައް ބަޔަކު ސުވާލު އުފައްދާ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ބުނެފައިވަނީ ރޭގެ އިހުތިޖާޖުގައި ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސްވެސް ވަނީ މައްސަލަ ބަލާނެ ކަމަަށް ވިދާޅުވެފައެވެ.