މޫސުން

ބައެއް އަތޮޅުތަކަށް ގަދަ ވިއްސާރަ

ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެފައިވާތީ އެ އަތޮޅުތައް ހިމެނޭ ގޮތަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމުގެ މި އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ދ. އާ ހަމައަށެވެ. މިއަދު މެންދުރު ފަހު 3:00 ޖެހުމާއި ހަމައަށް މި އެލާޓް ދެމި އޮންނާނެ އެވެ. މެޓުން ބުނީ މި ވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑި އިރަށް ބަލާއިރު މެޓުން ބުނީ ރާއްޖޭގެ މެދު އަތޮޅު ތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެން ވާ ކަމަށެވެ.

މިއަދަކީ ކެތި ނަކަތުގެ ފުރަތަމަ ދުވަހެވެ. ކެތި ނަކަތަކީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތެވެ. އާއްމު ގޮތެއްގައި މި ނަކަތުގައި ވިއްސާރަ ކުރެ އެވެ. ކެތި ނަކަތް ނިމޭނީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ.