ކޮވިޑް-19 އިން ރައްކާތެރިވާން މާބަނޑު މީހުނަށް ފައިޒާ-ބަޔޮންޓެކް ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ޑައިޓީޝަން ޑރ. އާސިޔާ އަބްދުއްރަހީމް ޓްވީޓާގައި ފާޅު ކުރެއްވި ޝުއޫރަކަށް ޖަވާބު ދެއްވަމުންނެވެ.
އާސިޔާ ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ހަނގުރާމަ ކުރަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކުދިންނާ ދޭތެރޭ ވިސްނޭ ކަމަށެވެ. އޭނާ އިނީ ބަލިވެކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އޭނާއަށް ދެއްވާ ޖަވާބެއްގެ ގޮތުގައި ފައިސަލް ވިދާޅުވީ މާބަނޑު މީހުނަށް ފައިޒާ ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް އެ މީހުނަށް ވެކްސިން ދޭން ފަށާނެ ތާރީހު ފައިސަލް ވިދާޅުވެފައެއް ނުވެ އެވެ.
ފައިޒާ ވެކްސިން ދޭ ކެޓަގަރީތައް
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުން ކުރާ މީހުން
ފައިޒާ ވެކްސިނަކީ 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ހާލަތުގައިވާ ކުދިންނަށް ވެސް ފައިޒާ ވެކްސިން ދިނުމަށް ވަނީ ނިންމާފަ އެވެ. އެކަމަކު މާބަނޑު މީހުންނަށް ކޮވިޑް ވެކްސިން ދޭން ތައްޔާރުވަމުންދާ ކަމަށް މީގެކުރިން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިންގެ 5,850 ޑޯޒު ރާއްޖެ އަށް ގެނެސް ފައިޒާ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.