ރޯދަ މަސް

ހާރުދަމުގެ ވަގުތަކީ މާތްވެގެންވާ ވަގުތެއް

ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގެ ތެރެއިން އެންމެ މާތްވެގެންވާ އެއް ވަގުތަކީ ހާރުދަމުގެ ވަގުތެވެ. އެވަގުތަކީ ކީރިތިވަންތަ ﷲ ދުނިޔޭގެ އުޑަށް ފާބައިވޮޑިގަންނަވާ ވަގުތެވެ. އެވަގުތުގައި މާތް ﷲ ހަނދުމަކޮށް، ފާފަ ފުއްސެވުމަށް އެދި ދުޢާކުރާ މީހުންނަށް އެއިލާހުވަނީ، ކީރިތި ޤުރްއާނުގައި މަދަޙައިގެ ބަސް ވަޙީކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات 18) މާނައީ: "އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ."

ތަޤުވާވެރީންގެ ތެރެއިން ސުވަރުގޭގެ މަތިވެރި ދަރަޖަތައް ލިބެނިވި ޞާލިޙު އަޅުތަކުންގެ ސިފަތައް ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. ﴿الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالأَسْحَارِ﴾ (آل عمران 17) މާނައީ: "(އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّهއަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاءކުރާ މީހުންނެވެ."

ހާރުދަމުގެ ވަގުތަކީ ރޯދަމަހާވެސް ގުޅިފައިވާ ވަގުތެކެވެ. އެވަގުތަކީ ރޯދަވެރީން ރޯދައަށް ހުރުމަށް ހާރުކާ ވަގުތެވެ. ހާރުކެއުމުގެ ބައެއް އަދަބުތަކަށް ބަލައިލަމާތޯއެވެ.

* ހާރުކެއެމަކީ ސުންނަތެކެވެ. އެހެނަސް، ހާރު ނުކެވުނު ކަމުގައިވީނަމަވެސް، ރޯދައަށް ހުރެވިދާނެއެވެ. ހާރު ކެއްމަށް ސަމާލުކަން ދިނުމާއި، އެ ސުންނަތް އަދާނުކޮށް ދޫކޮށް ނުލުން މުހިންމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ހާރު ކާށެވެ. ހާރުކެއުމަކީ ބަރަކާތް ލެއްވިގެންވާ ކަމެކެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއައި މުސްލިމެވެ.)

ހާރުކެއުމުގައި ބަރަކާތް ލެއްވިގެންވުމޭ ބުނެވޭ ބަހުގެ މާނައިގައި ޢިލްމުވެރިން އެތަކެއް ބަސްފުޅުތަކެއް ވެއެވެ. އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. "އެތައް ގޮތަކުން ހާރުކެއުމުގައިވަނީ ބަރަކާތް ލައްވާފައެވެ. އޭގެ ތެރޭގައި، އެކަމަކީ ސުންނަތާ ތަބާވެ، އަހުލު ކިތާބިންނާ އެއްކިބާވުން އެކަމުގައި ހިމެނޭ ކަމެއް ކަމުގައިވުމާއި، ހާރު ކެމަކީ ރޯދައިގެ އަޅުކަމަށް ތައްޔާރުކޮށްދީ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދީ އަޅުކަމަށް ތައްޔާރުކޮށްދޭ ކަމެކެވެ. އަދި އެވަގުތަކީ ދުޢާ އިޖާބަ ކުރެއްވޭ ވަގުތެއް ކަމުގައިވީހިނދު، ހާރުކެއުމަކީ ދުޢާކުރުމުގެ ސަބަބެއްކަމުގައިވެސް ވެގެން ދެއެވެ." (އެއީ ކެއުމުގެ ކުރީންނާއި ކެއުމަށްފަހު ކުރެވޭ ޒިކުރުތަކެވެ.)

* ހާރުކެއުމަކީ ކޮންމެހެން ބޮޑު ކެއުމަކަށް ވުން ލާޒިމެއް ނުވެއެވެ. މަދުވެގެން ފެނުގެ ކޯވަރެއް ބޯލިކަމުގައިވީނަމަވެސް ހާރުކެއުމުގެ ސުންނަތް ފުރިހަމަ ކުރެވުނީއެވެ. އަދި އެކަމުގައިވާ ބަރަކާތްވެސް ޙާޞިލުވާނެއެވެ.

* ސުންނަތްވެގެންވަނީ ހާރުކެއުން ވީހާވެސް ފަސްކޮށްލުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ރޯދަ ވީއްލުން އަވަސްކޮށް، ހާރުކެއުން ފަސްކުރާހާހިނދަކު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންވަނީ ހެޔޮކަމުގެ މަތީގައެވެ." މާތް ޞަޙާބީ އަނަސް رضي الله عنه ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހާރު ފަރީއްކުޅުވުމާއި ފަތިސް ނަމާދު ކުރެއްވުމާ ދެމެދުގައިވަނީ ގާތްގަނޑަކަށް ފަންސާސް އާޔަތް ކިޔަވައިލެއްވާ ވަރުގެ ވަގުތުކޮޅެކެވެ.

އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. "ފާހަގަކޮށްލަންޖެހޭ ކަމަކީ، ފަތިސް ނަމާދާއި، ހާރުކެއުމާ ދެމެދުގައި އޮންނަ ވަގުތުކޮޅަކީ ވަރަށް ކުރު ވަގުތުކޮޅެއްކަމެވެ." ވީމާ، ހާރުކެއުން ވީހާވެސް ލަސްކޮށްލުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެކެވެ.

* ހާރުކެއުމުގެ ވަގުތަކީ ފަޖުރުއްޞާދިޤު އަލިކަން ފާޅުވުމާއި ހަމައަށެވެ. ވީމާ، ހާރުކެއުމުގައި ފަތިހުގެ އަލިކަން ފާޅުވޭތޯ ބަލައި، އެކަމަށް ރައްކާތެރިވުން މުހިންމެވެ. ފަތިސްވަގުތު ޖެހިއްޖެނަމަ ކެއިންބުއިމުން އެއްކިބާވާންޖެހެއެވެ. އެހިސާބުން ރޯދައިގެ ވަގުތު ފެށުނީއެވެ.
ރޯދައިގެ އެންމެހާ އަދަބުތަކަށް ރައްކާތެރިވުމަކީ ރޯދައިގެ ދަރަމަ ފުރިހަމަވެގެންދާ ކަމެކެވެ. ހަމައެއާއެކު ހާރުދަމުގެ ވަގުތަކީ ދުޢާކުރުމާއި ޒިކުރު ކުރުމަށް ޚާއްޞަ ވަގުތެކެވެ. ވީމާ، އެ ބަރަކާތްތެރި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ.