ދުނިޔެ

އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގެންފި

އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްތީން މީހުންނަށް އަނިޔާކޮށް ގިނަ ބަޔަކު މިސްކިތުން ބޭރުކޮށްފި އެވެ. މުސްލިމުން ފާހަގަކުރާ މާތް މައްސަރުތަކާއި އީދުތަކުގައި ފަލަސްތީން މީހުންނަށް ޖެއްސުންކޮށް އަނިޔާކުރުމަކީ އިޒްރޭލުގެ ޒައާމަތަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.

މިހަރު ރަމަޟާން މަސް ވެސް ފެށުނީ މިއަނިޔާވެރިކަމުގަ އެވެ.

ހުކުރުދުވަހުގެ ރޭ ތަރާވީސް ނަމާދުގައި މުސްލިމުން ތިއްބައި އިޒްރޭލް ފުލުހުން މަސްޖިދުލް އަޤްސާއަށް ހަތިޔާރާއެކު ވަދެގަނެ ސަފުތައް ބުރުވާލައި ހިންގި އުދުވާނުގައި 178 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން ބޮޑަށ އަނިޔާލިބުނު 88 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރެ އެވެ. މިސްކިތުގެ އެތެރެއާ ގޯތިތެރޭގައި އިޒްރޭލު ފުލުހުން ކަރުނަގޭހާއި ރަބަރު އުންޑަ އަދި ސްޓަން ގްރޭނޭޑާއި ގޭސް ބޮން ބޭނުންކޮށް ފަލަސްތީން މީހުންނަށް ވަނީ އަނިޔާކޮށްފަ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީންގެ މީހުންގެ މައްޗަށް ގަދަވެގަންނަ ކޮންމެ ފަހަރަކު ގައުމުތަކަށް ކުރެވެން އޮންނަ ކަމަކީ ހަމަލާތައް ކުށްވެރިކުރުމެވެ. ތިޔަކަން ނުކުރާށޭ ބުނުމެވެ. މިއީ ނަމެއްގައި ކުރާ ކަމެކެވެ. މިފަހަރު ވެސް ކަންހިނގަމުން އަންނަނީ މިއާދައިގަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ވޮލްކަން ބޮޒްކާ އިޒްރޭލަށް ގޮވާލައްވާފައި ވަނީ މުގައްދަސް ބިންތަކަށާއި އިމާރާތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އަދި އަޅުކަންކުރާ މީހުންނަށް ޖެއްސުންނުކުރުމަށެވެ. ވޮލްކަން ބޮޒްކާއަކީ ތުރުކީ ބޭފުޅަކަށް ވާތީ ހިތްޕުޅުގައި މުސްލިމުންނަށް އޯގާތެރިވެ ވަޑައިގެންނެވުނީ އެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއް ގޮތުގައި އދ އިން ކަނޑައަޅުއްވާފައި ހުންނަވާ ކޯޑިނޭޓަރު ޓޯ ވެނެސްލަންޑް އެދިވަޑައިގަންނަވަނީ ޒިންމާދާރުވުމަށެވެ. ސުލްހަވެ ހިމޭންވުމަށެވެ. އަދި އަޅުކަންކުރުމަށް ބޭނުންކުރާ އިމާރާތްތަކަށް ހިތްހެޔޮވުމަށެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އދ ގެ ސެކިޔުރިޓީ ކައުންސިލްއަށް ގޮވާލައްވާފައި ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ފަލްސްތީން މީހުންގެ ހިމާޔަތުގައި ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ.

ސައޫދީ އަރަބިއްޔާ އާއި ކުވައިތާއި ތުރުކީ އަދި މިސްރާއި ޕާކިސްތާނުން އިޒްރޭލުގެ އަމަލުތައް ވަނީ ކުށްވެރިކޮށްފަ އެވެ. ސައޫދީ ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީން މީހުން ގެދޮރުން ބޭރުކުރުމަކީ އިޒްރޭލަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. މިސްރާއި ކުވޭގުން އަދި އެހެން އަރަބި ގައުމުތަކުން ވެސް ހަމަ މިމޭރުމުން އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ވަނީ ނެރެފަ އެވެ.