ދުނިޔެ

ގުދުސްގައި ޔަހޫދީންނަށް ގެދޮރުވެރި ކުރުން ކުރިއަށް ގެންދާނަން: ނަތަންޔާހޫ

އިޒްރޭލުން ގަދަބާރުން އަތުލައިގެންފައިވާ އިރުމަތީ ގުދުސްގައި ޔަހޫދީންނަށް ގެދޮރު ބިނާކުރަން ގަވާއިދާ ޚިލާފަށް ހިންގާ ހައުސިން ޕްރޮކެޓްތައް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ކެބިނެޓްގެ ބައްދަލުވުމަކަށް ފަހު ނަތަންޔާހޫ ވިދާޅުވީ އެމެރިކައާ ޔޫރަޕުން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް ގެދޮރުއެޅުމަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްތީން މީހުންނަށް އަނިޔާކުރުން ބޮޑު މައްސަލައަކަށްވެ މުޅި ދުނިޔެ ސަމާލުވެފައި އޮތް މިދަނޑިވަޅުގައި ވެސް އިޒްރޭލުގެ ޒައާމަތުން އިޚްތިޔާރުކޮށްފައި އެވަނީ ހަރުކަށިކަމާއި ގޮތްދޫނުކުރުމެވެ. މުސްލިމުން ފާހަގަކުރާ މާތް މައްސަރުތަކާއި އީދުތަކުގައި ފަލަސްތީން މީހުންނަށް ޖެއްސުންކޮށް އަނިޔާކުރުމަކީ އިޒްރޭލުގެ ޒައާމަތަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީންގެ މީހުންގެ މައްޗަށް ގަދަވެގަންނަ ކޮންމެ ފަހަރަކު ގައުމުތަކަށް ކުރެވެން އޮންނަ ކަމަކީ ހަމަލާތައް ކުށްވެރިކުރުމެވެ. ތިޔަކަން ނުކުރާށޭ ބުނުމެވެ.

މިފަހަރު ވެސް ކަންހިގަމުން ދަނީ މިއާދައިގަ އެވެ. އެމެރިކާ އާއި ޔޫރަޕާއި އިނގިރޭސިން އަދި އިންސާނިއްޔަތަށް ނަމުގައި މަސައްކަތްކުރާ އޭޖެންސީތަކުން އިޒްްރޭލާ ދެކޮޅަށް ބަޔާންތައް ނެރެ ނުރުހުންފާޅުކުރާ ކަމަށް ދެއްކި ނަމަވެސް އިޒްރޭލުގެ ކިބުރުވެރިކަމަށް ކުޑައިކޮށް ވެސް ބަދަލެއް ނާދެ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށާއި ވެރިރަށުގައި ވަޒަންވެރިވުމަކީ ކޮންމެ ބަޔަކަށް ވެސް ލިބޭނެ ޝަރަފެއް ކަމަށެވެ. އަދި ގުދުސްގައި ގެދޮރުއެމަކީ އިޒްރޭލަށް ލިބިގެންވާ ހައްގެއް ކަމަށާއި ކޮންމެ ބަޔަކު ދެކޮޅުހެދި ނަމަވެސް ހައްގު ދޫކޮށްނުލައްވާނެ ކަމަށެވެ.