ދުނިޔެ

ހަމަނުޖެހުން ހިންގަނީ އިޒްރޭލުން: ތުރުކީ

ފަލަސްތީންގެ ބިންތަކުގައި ޚާއްސަކޮށް ޣައްޒާގައި ހިންގާފައިވާ ހަމަނުޖެހުންތަކަށް އެހެން އެއްވެސް ބަޔަކު ޒިންމާވާން ނުޖެހޭނެ ކަމަށާއި އެހުރިހާ ކަމެއްގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭނެ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޯ ވިދާޅުވެއްޖެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީ ސެޝަނެއްގައި ވާހަކަދައްކަވަމުން މެވްލޫތު ވިދާޅުވީ ހަމަނުޖެހުންތައް ނިސްބަތްކުރަން ޖެހޭނީ އެކަމެއް އުފެއްދި ބަޔަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ "ދެފަރާތުން" ކަމަށް ވިދާޅުވެ އެއްވެސް ބަޔަކު ފަލަސްތީން ހިމަނާނެ ކަމެއް ނެތް ކަމަށާއި ހަމަނުޖެހުންތައް ހިންގަނީ އިޒްރޭލުން ކަމަށް ބުނަން ތުރުކީއަށް ކެރޭ ކަމަށެވެ.

"ގުދުސްއާ ހުޅަނގު އައްސޭރި އަދި ޣައްޒާގައި ވެސް ހުރިހާ ނުބައެއް ހަދަނީ އިޒްރޭލުން،" މެވްލޫތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުން ފަލަސްތީންގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ކޮޅެއްގައި ޖެހޭނީ އިޒްރޭލުން އެކުރަނީ ކުށެއް ކަމަށް ދުނިޔެއަށް ބަލައިގަނެވުނު ދުވަހަކުން ކަމަށެވެ. އިޒްރޭލަށް ގޯހެއް ހެދޭ ކަމަށް ބުނެދޭނެ ބަޔަކު ނެތް ކަމަށާއި މިފެންނަނީ މުސްލިމުންގެ މައްޗަށް ގައުުމުތަކުން އޮތް އަދާވާތްތެރިކަން ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދިން މިސައިލް ހަމަލާތަކުުގައި 232 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 65 ކުދިން އަދި 39 އަންހެނުން ހިމެނެ އެވެ. މެއި 10 އަކުން ފެށިގެން ހަމަލާތައް ބަދަލުކުރަމުން ދިޔައިރު އެކިވަރުގެ އަނިޔާ 1،700 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.

ޣައްޒާއިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި 12 މީހުން މަރުވެ އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. ޣައްޒާއިން ފޮނުވާ ރޮކެޓްތައް އަމާޒަށް ވާސިލްވުމުގެ ކުރިން އަޔަން ޑޯމުން ގިނަ ރޮކެޓްތައް ނައްތާލި ނަމަވެސް، ރޮކެޓްތައް މަތަކުރަން ކުރަންޖެހޭ ހޭދަ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.