ދުނިޔެ

ފަލަސްތީނަށް ވުރެ އިޒްރޭލު މުހިންމެއް ނުވާނެ: ތުރުކީ

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ވާނެ ކަމަށް ބުނެ ތުރުކީ ކުރާ ވަކާލާތު އެގޮތުގައި ދެމި އޮންނާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މޭވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި އިޒްރޭލާ ގުޅުން ގާއިމުވާން އޮތީ ފަލަސްތީން ދޫކޮށްލާފައި ކަމަށް ބުނާ ނަމަ، އަކަމެއް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ފަލަސްތީނަށް ވުރެ އިޒްރޭލު މުހިންމެއް ނުވާނެ އެވެ.

ވަޒީރު މިހެން ވިދާޅުވި ސަބަބަކީ އިޒްރޭލުގެ ރައީސް އިސާކް ހަރްޒޮގް އަންނަ މަހު ތުރުކީއަށް ވަޑައިގަންވާނެ ކަމަށް ބުނާ ޚަބަރުތަކަކާ ގުޅިގެންނެވެ.

މެވްލޫތު ވިދާޅުވި ގޮތުގައި ތުރުކީއާ އިޒްރޭލު ސިޔާސީ ގޮތުން ގުޅުން ރަނގަޅު ކުރަން ކުރާ މަސައްކަތްތަކުން އަރަބި ދުނިޔެއަށް ނިކަމެއްތިމެއް މެދުވެރި ވެދާނެ ކަމަށް ބެލެވުނަސް، އެއީ ތުރުކީއަށް ބޮޑު ކަމަކަށް ވާނެ އެވެ. އަދި ތުރުކީ އެކަމާ ދުރުހެލިވާނެ އެވެ.

ތުރުކީ އާއި އިޒްރޭލަކީ ދޭތެރެ ދޭތެރެއިން ކުނިޖެހޭ ދެގައުމެވެ. އާންމު ގޮތެއްގައި ދެގައުމުގެ ގުޅުން ޚަރާބުވަނީ ފަލަސްތީނާ ހެދި އެވެ. ނޫން ނަމަ އިޒްރޭލުން މެދުއިރުމަތީ އަރަބި ގައުމުތަކުގައި ގެންގުޅޭ މަކަރުވެރި ސިޔާސަތުގެ ސަބަބުންނެވެ.

އިޒްރޭލާ ތުރުކީ އެންމެ ފަހު ސިޔާސީ ގުޅުން ކަނޑާލައި ދެ ގައުމުގައި ތިބި ސަފީރުން އަނބުރާ ގެއްންދިޔައީ 2018 ގަ އެވެ. އެއަށް ފަހު އެކި ފަހަރު މަތިން ގުޅުން ރަނގަޅު ކުރަން ވަނީ މަސައްކަތް ކޮށްފަ އެވެ.

ތުރުކީ މިފަހަކުން ފެންނަނީ ދުނިޔޭގެ ގައުމުތަކާ ގުޅުން ގާތްކުރާ މަންޒަރެވެ. އިގްތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ތުރުކީ ބާރުގަދަ ކުރަމުން ގެންދާއިރު، ތުރުކީގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓްކުރުމަކީ ވެސް އެގައުމުން ގެންގުޅޭ ސިޔާސަތެކެވެ.

ތުރުކީގެ ރައިސް ރަޖަބް ތައްޔިބު އުރުދުޣަން ވިދާޅުވި ގޮތުން އިޒްރޭލުގެ ރައީސް އިސާކް ހަރްޒޮގެ އަންނަ މާޗުގައި ތުރުކީއަށް ވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް މިދަތުރާ ބެހޭ ގޮތުން އިޒްރޭލުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ފަލަސްތީން އާއި އިޒްރޭލު ސުލްހަ ކުރެވެން އޮތް އެންމެ ކުރު މަގަކީ ދެދައުލަތް ކަމަށް އަންކާރާ ގަބޫލުކުރެ އެވެ. އަދި ބުނީ ތުރުކީގެ ސިޔާސަތަކީ ވެސް އިޒްރޭލަށް މިނިވަން ދައުލަތެއް އޮންނަ ފަދައިން ފަލަސްތީނަށްް ވެސް މިނިވަން ދައުލަތެއް އޮތުން ކަމަށެވެ.

އިޒްރޭލުން އިރުމަތީ ގުދުސްގައި ހިންގާ ޖަރީމާތަކަކީ އޮތް ކަންބޮޑުވުމެއް ކަމަށް ތުރުކީ ބުނެ އެވެ. ހުޅަގު އައްސޭރިގައި ޔަހޫދީން އާބާދުކުރަން އިޒްރޭލު ހިންގާ ޕްރޮޖެޓްތަކަށް ވެސް ވަރަށް ފާޅުގައި ތުރުކީ ފާޑުކިޔަ އެވެ.