ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑް އުސޫލާ ހިލާފުވި 267 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 267 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮންޓްރޯލެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން މަގުމަތީ ހަރަކާތްތެރިވާއިރު އުސޫލާއި ހިލާފުވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

އެޗްއީއޯސީން މިރޭ ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 267 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 141 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅެގެނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މި ފަހުން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ކާފިއު ވަގުތު ބޭރުގައި އުޅުނު 116 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ. މި ހަތްގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ވެހިކަލް ދުއްވައިގެން 10 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ.

ރާއްޖޭގައި ކޮވިޑްބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގައެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 5،500 ސާމްޕަލުން 1،200 ސާމްޕަލް ޕޮޒިޓިވްއެވެ. މިއަދު ތިން މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މިއީ މި އަހަރުގެ 36 ވަނަ ކޮވިޑް މަރެވެ.