ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

130 ފުލުހަކު ކަރަންޓީނުގައި

ކޮވިޑް-19 އާ ގުޅިގެން 130 ފުލުހަކު ކަރަންޓީންގައި އެބަތިބި ކަމަަށް އެންއީއޯސީއިން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ އެކި ކޭސްތަކާއި ގުޅިގެން 130 ފުލުހަކު ކަރަންޓީން ކޮށްފައިވާ ކަމަަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ޕޮޒިޓިވް ކޭހަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ގިނަ ބަޔަކު ކަރަންޓީން ކުރާ ކަމަށާއި އެގޮތަށް ކަރަންޓީން ކުރާ މީހުން ނިސްބަތްވާ ތަންތަން މުޅިން ސާފުވެ އެ މައުލޫމާތު އެންއީއޯސީއަށް ލިބޭނީ އެެއް ދުވަސް ފަހުން ކަމަށާ އެހެންވެ އެ އަދަދު އަދި އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަަށެވެ.

ނަމަވެސް ރޭގެ ނިޔަލަށް ކަރަންޓީންގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވަނީ 130 ފުލުހުން ކަމަަށް މަބުރޫކް ވިދާޅުވި އެވެ.

މިހާތަނަށް ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް ސިފައިންގެ ފަސް މީހަކު ވަނީ ބައްޔަަސް ޕޮޒިޓިވް ވެފައެވެ. އަދި އެމީހުނާ ގުޅުންހުރި ގިނަ އަދަދެއްގެ އެހެން ސިފައިން ވެސް ކަރަންޓީނު ކޮށްފައި ވެއެވެ.

މިދިއަ އާދިއްތަ ދުވަހުގެ ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޭސްތަކުގެ ތަފްސީލް ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށިން ޕޮޒިޓިވްވި ސިފައިންގެ މީހަކާއި ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ދެ މީހަކު ހިމެނޭ ކަމަށެވެ. އަދި ބަންޑާރަ ކޮށިން ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅިގެން 48 މީހަކު ފާހަގަ ވެފައިވާއިރު ކޭކޭއިން ޕޮޒިޓިވްވީ ސިފައިންގެ ދެ މީހުނާ ގުޅޭ 46 މީހަކު ކޮންޓެކްޓްރޭސިންގެ ތެރެއަށް ގެންގޮސްފައިވާ ކަމަށެވެ.

ދެން ޕޮޒިޓިވްވެފައި ވަނީ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ދެ މީހެކެވެ. އެ ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން 23 މީހަކު ކޮންޓެކްޓްރޭސިންގެ ތެރެއަށް ގެންދިޔަ އެވެ.

އަފްޒަލް ވިދާޅުވީ ސިފައިންގެ ތެރެއިން ޕޮޒިޓިވްވީ ކޭސްތަކާއި ގުޅިގެން އަދިވެސް ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ 600 އެއްހާ ފުލުހުންނާއި ސިފައިން ގެއަށް ނުގޮސް މަސައްކަތުގައި އެބަތިބި ކަމަށެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ސަލާމަތީ ބާރުތަކާއި ސިއްހީ ހިދުމަތްތެރިންނާއި އަދި އެހެނިހެން އިދާރާތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސް ކަމެއް ދޭ ކަމަށެވެ.