ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

"ލޮކްޑައުން ހަރުކަށި ކުރަން މަޝްވަރާއެއް ނުކުރޭ"

މާލެ ސަރަހައްދު ލޮކްޑައުން ކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރިކަށި ކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދޮގު ކޮށްފި އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. ފަހުން އިތުރު ބަޔަކު ޕޮޒިޓިވްވުމުން ލޮކްޑައުން އަލުން 24 ގަޑިއިރަށް އިތުރު ކުރި އެވެ. ނަމަވެސް ގިނަ ބަޔަކު ޕޮޒިޓިވްވާން ފެށުމުން 14 ދުވަހަށް މާލެ ލޮކްޑައުން ކުރި އެވެ. އެ މުއްދަތު މިދިޔަ މަހުގެ 30 އަށް ހަމަވުމުން އަނެއްކާވެސް 14 ދުވަހަށް ވަނީ ދަމާލާފަ އެވެ.

މިމަހުގެ ފަހުކޮޅު ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އަދި ރައްކާތެރި ކަމަށްޓަކައި އިތުރަށް ސަމާލުވާން ވެސް އެދި ވަޑައިގެންފައި ވެއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރުކޮށް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ މެސެޖްތަކެއް ވެސް ދަނީ ދައުރުވަމުންނެވެ. އެ މެސެޖްތަކުގައި ކާބޯތަކެތި ގަނެ ރައްކާ ކުރުމަށާއި މި މަހުގެ ފަހުކޮޅުން ފެށިގެން އެއްވެސް ވަރަކަށް ބޭރަށް ނުކުމެ އުޅުން މަނާ ކުރަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބުނެ އެވެ. ހުރިހާ ފިހާރަތައް ބަންދުކޮށް، ޑެލިވަރީ ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް އެ މެސެޖްތަކުގައި ބުނެ އެވެ.

ނަމަވެސް މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ އެ މެސެޖްގައި ހިމެނެނޭ ވާހަކަތަކަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ލޮކްޑައުންގެ ފިޔަވަޅުތައް ހަރުކަށި ކުރަން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

"މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް... އިތުރަށް ފިޔަވަޅެއް އެޅުމުގެ ކުރިން އަޅުގަނޑުމެން ދަތުރުކުރާ މިސްރާބު އެސެސް ކުރުމަށް ފަހުގައި ފިޔަވަޅުތައް އަޅާނީ. މިފަދަ ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް ސަރުކާރުގެ ތެރޭގައި އަދި ކޮށްފައެއް ނުވޭ." މަބުރޫކް ވިދާޅުވިއެވެ.

އާ ޕްރޮޖެކްޝަންސްގެ އަންދާޒާ

  • 77،305 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް
  • 900 މީހުން މަރު ވެދާނެ
  • ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާވޭ
  • އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ލަފާވޭ
  • 13،568 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ
  • ޕީކް ޑޭ ގައި 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ
  • މި މުއްދަތުގައި 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ
  • ދުވާލަކު 300 މީހުން ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް
  • ޓެސްޓް ކުރެވޭނަމަ އެ އަދަދު ފެންނާނެ ކަމަށް ބެލެވޭ

ފިޔަވަޅުތައް ހަރުކަށި ނުކުރި ނަމަވެސް މިހާރު އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވުމުގެ ކުރިން މި މަހުގެ ނިޔަލަށް ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޓެގް ޓީމުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 20 ދުވަހަކީ ސަމާލު ނުވެއްޖެނަމަ ވަރަށް އުނދަގޫ ދުވަސްތަކެެކެވެ. ނަމަވެސް ލޮކްޑައުންގައި އެ ހާލަތު ރަނގަޅު ކުރެވިދާނެ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ލޮކްޑައުންގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކުރުމާއި ގުޅޭގޮތުން މަބުރޫކް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.