ޒަކާތް

ޒަކާތް ދައްކައިފިންތަ؟

"ތަދައްރުޖު"ގެ އުޞޫލުން ޝަރުޢީ ޙުކުމްތައް ބާވައިލެއްވުމަކީ މާތް ﷲގެ ޙިކުމަތްވަންތަވެރިކަމާއި، އަޅުތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމާއި، އެ ޙުކުމްތަކަށް ޢަމަލު ކުރުމަށް އަޅުތަކުންނަށް ފަސޭހަކޮށްދެއްވުމަށްޓަކައި ލައްވާފައިވާ ގޮތެކެވެ. ތަދައްރުޖުގެ އުޞޫލޭ ބުނެވޭ ބަހުގެ މާނައަކީ މަރުހަލާތަކަކަށް ނުވަތަ ފިޔަވަޅުތަކެއްގެ މައްޗަށް ބެހިގެންދާ ގޮތުގައި ޝަރުޢީ ޙުކުމްތައް ބާވައިލެއްވުމެވެ. އެގޮތުން ނަމާދާއި، ޒަކާތާއި ރޯދަވެސް ފަރުޟު ކުރެއްވުނީ މަރުޙަލާތަކެއްގެ ތެރެއިންނެވެ.

ޒަކާތަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. މި އަޅުކަން ފަރުޟު ކުރެއްވުނީ ތިން މަރުޙަލާއެއްގެ މަތީންނެވެ. އެގޮތުން މައްކީ ދައުރުގައި، ނަމާދު ކުރުމަށް ކުރެއްވުނު އަމުރާ ވިދިގެން ޒަކާތް ދިނުމަށްވެސް އަމުރު ކުރެއްވުނެވެ. ﴿ وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ ﴾ (المزمل 20) "އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކޮށް ޒަކާތް ދޭށެވެ."

ނަމަވެސް މި އަމުރުފުޅާ އެކުގައި، ޒަކާތުގެ ނިޞާބާއި، މިންވަރާއި ޒަކާތް ދޭންވީ ފަރާތްތަކުގެ ތަފްޞީލުތަކެއް އަންގަވާފައެއް ނުވެއެވެ. ކިތަންމެ މަދު މިންވަރެއްވިޔަސް އަދި ގިނަ މިންވަރެއްވިޔަސް، ފަސޭހަވީ މިންވަރަކުން މާތް ﷲ ގެ މަގުގައި ހޭދަކުރުމުގެ އިޚްތިޔާރުވަނީ ދެއްވާފައެވެ.

ދެވަނަ މަރުހަލާގައި ޝަރުޢު ކުރެއްވުނީ ފިޠުރު ޒަކާތެކެވެ. އެއީ މުދަލުގެ ޒަކާތް ފަރުޟު ކުރެއްވުމުގެ ކުރީންނެވެ. ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމާއި ގުޅިނގެން، ފިޠުރު ޒަކާތް ނެރުންވެސް ފަރުޟު ކުރެއްވުނެވެ. ޤައިސް ބުނު ސަޢީދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މުދަލުގެ ޒަކާތް ފަރުޟު ކުރެއްވުމުގެ ކުރީގައި ފިޠުރު ޒަކާތް ނެރުމަށް އަހުރެމެންނަށް އަމުރު ކުރެއްވުނެވެ. ދެން އެއަށްފަހު މުދަލުގެ ޒަކާތް ފަރުޟު ކުރެއްވުނެވެ. އެހެނަސް މުދަލުން ޒަކާތް ނެރުމަށް އަމުރު ކުރެއްވުމެއް، ނުވަތަ ނަހީއެއްވެސް ނެތިއެވެ. އެއާއެކުވެސް ތިމަންމެން މުދަލު ޒަކާތް ނެރުނީމެވެ." (ރިވާކުރެއްވީ އަލްއިމާމުއް ނަސާއީއެވެ.)

ތިންވަނަ މަރުޙަލާގައި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅުއްވައި، ނެރެންޖެހޭ ބާވަތްތަކާއި މިންވަރުތައް ބަޔާންކޮށްދެއްވައި، ޒަކާތް ފަރުޟު ކުރެއްވުނެވެ. އަދި އެކަން ކީރިތިވަންތަ ﷲ ގެ ފޮތުގައި ބާވައިލައްވައި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ޒަކާތުގެ ތަފްޞީލުތައް ބަޔާންކޮށްދެއްވިއެވެ.

މުދަލުގެ ޒަކާތުގެ ތަފްޞީލުތައް ޤުރްއާނާއި ސުންނަތުގައި އަންގަވައިދެއްވުމާއެކުވެސް، ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން، ކުރިންވެސް ނެރުއްވަމުން ގެންދެވިފަދައިން ފިޠުރު ޒަކާތް އަދާކުރައްވަމުން ގެންދެވިއެވެ. އަދި އެއާކު ފިޠުރު ޒަކާތް ވެގެންދިޔައީ ރަމަޟާންމަސް ނިމުމާވިދިގެން އަދާކުރެއްވޭ މަތިވެރި އަޅުކަމެއްގެ ގޮތުގައެވެ. އަދި ފިޠުރު ޢީދާ ގުޅިފައިވާ ދީނުގެ މަތިވެރި ޝީޢާރެއްގެ ގޮތުގައެވެ.

ފިޠުރު ޒަކާތަށް އެނަން ދެވުނީ ރޯދަމަސް ނިމުމާއި ގުޅިންގެން އަދާކުރެވޭ އަޅުކަމަކަށްވާތީއެވެ. އެހެނީ، ޢަރަބި ބަހުގައި ރޯދައަށް ދެއްވިފައިވާ ނަމަކީ "ޞިޔާމް" އެވެ. އަދި ރޯދަ ވީއްލުމަކީ "އިފްޠާރު"އެވެ. ވީމާ ފިޠުރު ޒަކާތް ގުޅިފައިވަނީ ރޯދަމަސް ނިމުނުކަން އިޢްލާން ކުރުމާއެވެ. މި މަތިވަރި އަޅުކަން ޝަރުޢު ކުރައްވާފައިވަނީ މާތް ﷲ އަށް ޝުކުރު އަދާކޮށް، ޢީދުގެ އުފާ ފާޅުކުރުމާ ވިދިގެން، މުޖްތަމަޢުގެ ނިކަމެތިންގެ ހިތްތައް އުފާކޮށްދީ ހެދުމާއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلِتُكْمِلُوا العِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾ (البقرة 185) މާނައީ: " އެއީ ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."

ރަމަޟާންމަހުގެ އެންމެ ފަހުދުވަހު، މާތް ޞަޙާބީ އިބްނު ޢައްބާސް رضي الله عنهما މީސްތަކުންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވިއެވެ. "أَخْرِجُوا صَدَقَةَ صَوْمِكُمْ" "ތިޔަބައިމީހުންގެ ރޯދައިގެ ޒަކާތް އަދާކުރާ ހުށިކަމެވެ."
ފިޠުރު ޒަކާތަކީ ރޯދައިގެ އަޅުކަމުގައި ވެވިފައިވާ އުނިކަން ފޫބައްދައިދީ، ރޯދައިގެ ދަރުމައާއި ސަވާބު ފުރިހަމަކޮށްދެނިވި އަޅުކަމެކެވެ. އެހެނީ ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނޭ މީހެކެވެ. ރޯދައަށް ހުންނަހިނދުގައި ބުނެގެންނުވާނޭ ބަސްތަކާއި، ކޮށްގެން ނުވާނޭ ބައެއް ޢަމަލުތައް އޭނާގެ ފުށުން ވެވިފައިހުރުން ގާތެވެ. ހަމައެފަދައިން ރޯދަވެރިޔާގެ ޢަމަލުތައް ބަހައްޓަންވާ ގޮތުގައި، ޢަމަލު ނުބެހެއްޓި ހިނގަދާނެއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. "ރަސޫލާ صلى الله عليه وسلم ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ، ކުށްފާފަތަކުން ރޯދަވެރިޔާ ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައެވެ." (ރަވާހު އަލްއިމާމު އަބޫދާވޫދު)

ފިޠުރު ޒަކާތް ނެރުން ވާޖިބުވާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. ނަމަވެސް، އޭގެ ކުރިޔަށްވެސް އެޒަކާތް ނެރުމަށް، ކަމާބެހޭ ފަރާތްތަކާ ހަވާލު ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ. ފިރުޠު ޒަކާތް ވާޖިބުވާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރު އޮއްސޭއިރު ދުނިޔޭގައި ތިބި، މުސްލިމު ކުދިބޮޑު އެންމެގެންގެ ފަރާތުންނެވެ. ޢީދު ވިލޭރެއާއި ޢީދު ދުވަހު ކައިބޮއި ހަދާފައިފައި ބާކީހުންނަވަރުގެ ފުދުންތެރިކަންހުރި ކޮންމެ މީހެއްގެ މައްޗަށް މި ޒަކާތް ފަރުޟުވެގެންވެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ ރަށުގެ އަހުލުވެރިން އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތުންނެވެ. އެގޮތުން ހަނޑުލުގެ ބާވަތްތަކުންނާއި ގޮދަނުން (ގޮދަންފުށުން) ޒަކާތް ނެރުން ހުއްދަވެގެންވެއެވެ. ފައިސާއިން ފިޠުރު ޒަކާތް ނެރުމާމެދުގައި ޢިލްމުވެރިންގެ މެދުގައި ދެ ރައުޔެއްވެއެވެ. ޙަނަފީ މަހަބުގެ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ފައިސާއިން ފިޠުރު ޒަކާތް ނެރުން ހުއްދަވެގެންވެއެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިންވެސް ބައެއް ބޭކަލުން މިފަދައިން ދެކެލައްވައެވެ. ނަމަވެސް ޖުމްހޫރު ދަންބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިޠުރު ޒަކާތް ނެރެންޖެހޭނީ ކާބޯތަކެތީންނެވެ.

ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް އާދާކޮށް ނިންމަޖެހޭނެއެވެ. ފަރުވާ ކުޑަކޮށްލައިގެން ހުރެ ފިޠުރު ޒަކާތް އަދާ ނުކުރުމަކީ ފާފަވެރިވާނޭ ކަމެކެވެ. ފިޠުރު ޒަކާތަކީ ފަރުޟު ޒަކާތުގެ ތެރެއިން ހިމެނޭ އަޅުކަމެއް ކަމުގައިވީހިނދު މި އަޅުކަން އަދާކުރުމަށް ފަރުވާތެރިވެލައްވާށެވެ.