ދުނިޔެ

ޔޫރަޕް ޑިޕްލޮމެޓުން ގުދުސްގެ ޝެއިޚް ޖައްރާހްއަށް

އިޒްރޭލުން ފޭރިގެންފައިވާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާހްއަށް ޔޫރަޕްގެ ޑިޕްލޮމެޓުންނާއި އޮފިޝަލުންގެ ވަފުދެއް ޒިޔާރަތް ކޮށްފި އެވެ. ވަފުދުގެ ބޭނުމަކީ އަމިއްލަ ގެދޮރުން ނެރޭނެ ކަމަށް އިޒްރޭލުން އިންޒާރުދީފައިވާ އެ އަވަށުގެ ވަޒަންވެރިންނާ ބައްދަލު ކުރުމެވެ.

ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލަކު މީޑިއާއަށް ބުނީ ޖައްރާހްއަށް ޒިޔާރަތްކުރީ ވަޒަންވެރިންނާ ބައްދަލު ކުރަން ކަމަށެވެ. އިޒްރޭލުން އެމީހުންނަށް ބިރުދައްކާތީ ޝެއިހް ޖައްރާހްގެ ހާލަތު ޔޫރަޕަށް އެނގެން ބޭނުން ވަނީ ކަމަށެވެ.

ޒިޔާރަތްކުރި ވަފުދުގައި ހިމެނެނީ ފަލަސްތީންގައި ހުންނަ އީޔޫ ރިޕްރެޒެންޓެޓިވް އާއި ފްރާންސާއި ސްވީޑަން، ސްޕޭނާއި އިޓަލީ އަދި އިތުރު އެހެން ގައުމުތަކުގެ އޮފިޝަލުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ގައުމުތަކުގެ އޮފިޝަލުން ދޭތެރެ ދޭތެރެއިން ޝެއިހް ޖައްރާހްއަށް ޒިޔާރަތްކޮށް ފަލަސްތިން އާއިލާތަކާ ބައްދަލު ކުރެ އެވެ.

ޝެއިހް ޖައްރާހްގައި މަސްލަހަތު ހަރާބު ވެގެން އުޅެނީ އެއަވަށުގެ ވަޒަންވެރިން ގެދޮރުން ނެރުމަށް އިޒްރޭލުގެ ކޯޓަކުން އަމުރުކޮށް މުހުލަތު ދިނުމާ ގުޅިގެންނެވެ. މިއަމުރާއެކު އިޒްރޭލުގެ ހައްދުފަހަނަ އަޅާފައި ތިބި ޔަހޫދީ ބައިގަނޑެއް އެ އަވަށަށް އަރައިގަނެ މީހުންގެ ގައިގައި އަތްލައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.

މި މައްސަލާގައި މިހާރު އޮތް ގޮތަކީ އިޒްރޭލުގެ ސްޕްރީމް ކޯޓުން ފަހުބަސް ބުނުމެވެ. ގެދޮރު ދޫކޮށް ދާން އަމުރު ކުރުމުން ވެސް ނުގޮސްފި ނަމަ ހަތިޔާރު އެޅި ސިފައިން އަވަށަށް އަރައިގަނެ ގަދަބާރުން ވަޒަންވެރިން ދަމާކޫއްތާފައި ދެގޮރުން ނެރޭނެ އެވެ.