ރާއްޖޭގެ ބައެއް އަތޮޅު ތަކަށް މޫސުން ގޯސްވެފައި ވާތީ އެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ސަމާލުވުމުގެ މޫސުމީ އެލާޓްތައް ނެރެފި އެވެ.
މޫސުމުގެ މި އެލާޓް ދެ ލެވެލަކަށް ނެރެފައި ވާއިރު ވައިޓް އެލާޓެއް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް މި އެލާޓް ދެމި އޮންނާނެ އެވެ. މީގެ އިތުރުން މޫސުން އިތުރަށް ގޯސްވެފައި ވާތީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:00 ޖެހުމާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓެއް ނެރެފަ އެވެ.
މެޓުން ބުނާ ގޮތުގައި މިވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ އެވެ.
މެޓުގެ ފޯކާސްޓްތައް ދައްކާ ގޮތުން ވައި ޖެހެނީ މެދު އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނަށް ވައިގަދަވާނެ އެވެ. ރާއްޖޭގެ ކަނޑުތައް ގަދަވާނެ އެވެ. ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ އެވެ.
ރިކޯޑްތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ފ. ނިލަންދޫ އަށެވެ. އެއީ 104.5 މިލިމީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ސ. ގަމަށެވެ. އެއީ 98.6 މިލިމީޓަރުގެ ވާރެ އެވެ. މާލޭ ސަރަހަށްދަށް 82.8 މިލިމީޓަރަށް ވާރޭ ވެހުނެވެ.
ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައްގަދަވެ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އެދިފަ އެވެ.
މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށިގެން ކުރާ ވިއްސާރައެއް ކަމަށެވެ. މިހާރު ރާއްޖޭގައި ހިނގަމުން ދަނީ ހުޅަނގުގެ ކެތި ނަކަތެވެ. އެއީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތެވެ. އާއްމު ގޮތެއްގައި މި ނަކަތުގައި މޫސުން ގޯސްވެ ގަދަ ވިއްސާރަ ކުރެ އެވެ. ކެތި ނަކަތް ނިމޭނީ މި މަހު 19 ވަނަ ދުވަހުގަ އެވެ.